ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ ރައްޔިތުންގެ މަޖިލީހުން ނޫން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެެވެ.

އަމީރު މިހެން ވިދާޅުވީ ރާއްޖޭގެ ކައުންސިލް އިދާރާތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ކުޑަކަމަށާއި، އެ މައްސަލަ ހައްލުކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނިކޮށެވެ. އެކަމާ ގުޅިގެން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމަށެވެ. 2024 ގެ ބަޖެޓް ފާސްކޮށްފައިވާނީ ސިވިލް ސާވިސްގެ މުސާރަވެސް ބޮޑުކުރާ ގޮތައް ކަމަށް އަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިވިލް ސާވިސްގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅަނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށާއި ކުރީގެ ސަރުކާރުގައި ޕޭ ކޮމިޝަނުން ޕޭ މެޓްރިކްސް ހަދައި ފްރޭމްވޯކް ހަދާފައިވާ ކަމަށެެވެ. އަދި އެއީ އެއްގޮތަކަށް ވެސް ރައްޔިތުންގެ މަޖްލިހުން ކުރާ ކަމެއް ނޫން ކަމަށް އަމީރު ވިދާޅުވިއެވެ.



"2024 ގެ ބަޖެޓް ފާސްކޮށްފައިވާނީ ސިވިލް ސާވިސްގެ މުސާރަވެސް ބޮޑުކުރާ ގޮތަށް، މުއައްސަސާތައް ގިންތި ކޮށްފައިވާނީ، ޕޭ ކޮމިޝަނުން. އެއީ މަޤާމުގެ އެލަވަންސްތަކާއި ހާޒިރީ އިނާޔަތްތައް ކަނޑައެޅުމަށް އެކަނި،" އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ތުލުސްދޫ ދާއިރާއަށް ވާދަކުރަށްވާ އަމީރު ވިދާޅުވިއެވެ.

ސިލްސިލާކޮށް ކުރިއަށްގެންދާ އާންމުންނަށް ރައީސާ ސުވާލުކުރެވޭ 'ރައީސްގެ ޖަވާބު'ގެ ޕްރޮގްރާމްގައި ކައުންސިލެއްގެ އިދާރީ މުވައްޒަފަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ގިންތި ކޮށްފައި ވަނީ ވަރަށް ދަށު ފަންތިއެއްގައި ކަމަށެވެ. ކައުންސިލް އިދާރާތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ކުޑަކަމަށާއި، އެ މައްސަލަ ހައްލުކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ޖުމުލަކޮށް ހުރިހާ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކޮށްދޭން ބޭނުންފުޅުވާ ކަމަށެވެ. އެެހެން ނަމަވެސް، އެކަން ކުރެވޭނީ އިގްތިޞާދު ފުޅާވެ އާމުދަނީ އިތުރުވާ މިންވަރަކުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަމަށް މިހާރުން މިހާރަށް ވެސް ހައްލެއް ގެނެވޭނީ މަޖިލިސް ތެރެއިން. މަޖިލިސް ތެރެއިން ކަންތައްތަކެއް ކުރެވިގެން އެކަމަށް ހައްލެއް ލިބޭނީ،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން