ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހެއްދެވީ އިތުރުފުޅެއް ކަމަށާއި، މުސާރަ ބޮޑުކުރަން ބަޖެޓްގައި ހިމަނާފައިވާނެ ކަމަށް އިދިކޮޅު އެމްޑީޕީއިން ބުނެފިއެވެ.

އެމްޑީޕީގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގެ ސްޕޯކްސްޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވީ، ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގައި އިދާރީ މަސައްކަތްތައް ކުރުމަކީ ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަކީ މަޖިލީހުން ކުރާ ކަމެއް ނޫންކަން ފާހަގަ ކުރައްވައި އީސަ ވިދާޅުވީ، މަޖިލީހުން ކުރާ ކަމަކީ ކައުންސިލަރުންގެ މުސާރަތަކަށް ބަދަލެއް ގެންނަން ޖެހިއްޖެ ނަމަ އެކަން ކުރުން ކަމަށެވެ.

އަދި އެމްޑީޕީ ސަރުކާރު ބަދަލުވި އިރު، ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އިދާރީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށް ނިންމާފައި ވާނެ ކަމަށް އީސަ ވިދާޅުވިއެވެ.

މީގެ އިތުރުން އީސަ ވިދާޅުވީ، ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ޕޭ ކޮމިޝަނާއެކު މަޝްވަރާ ކުރުމަށްފަހު، ބަޖެޓްގައި ހިމަނަން ޖެހޭ ފައިސާ މިދިޔަ އަހަރުގެ ބަޖެޓްގައި ހިމަނާފައި ވާނެ ކަމަށެވެ.

ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރަ މިހާރުން މިހާރަށްވެސް ބޮޑު ކުރެވޭނީ ރައްޔިތުންގެ މަޖިލިސް ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސަރުކާރުން ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު' ސިލްސިލާގައި ކައުންސިލެއްގެ މުވައްޒިފަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ގާނޫނުގެ ތެރެއިން، ކައުންސިލްތައް ކެޓަރައިޒް ކޮށްފަ ހުންނަނީ ވަރަށް ދަށް ފަންތިއެއްގައި ކަމަށެވެ. އަދި ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް އޮތް މައިގަނޑު ހުރަހަކީ އެއީ ކަމަށެވެ.

"ސަރުކާރުން، ފިނޭންސް މިނިސްޓްރީން މުސާރަ ބޮޑު ކުރަން ބޭނުންވިޔަސް އެކަމެއް ނުއެއް ކުރެވޭ، ކެޓަގަރައިޒް ކޮށްފަ އޮންނަ ގޮތުން. ޖުމްލަކޮށް ހުރިހާ މުއައްޒަފުންގެ މުސާރަ ބޮޑު ކުރުމަކީ އަޅުގަނޑު ބޭނުންވާ ގޮތް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް އާމްދަނީ އިތުރުވެގެންދާ ގޮތަކުން، އިގްތިސޯދު ހަރުދަނާކޮށް ވަރުގަދަ ކުރެވޭ ވަރަކުން މުސާރަތައް ބޮޑު ކުރެވޭނީ." ރައީސް ވިދާޅުވިއެވެ.

ކައުންސިލްގެ އިދާރި މުވައްޒަފުންގެ މުސާރައިގެ މައްސަލައަކީ ވަރަށް ބޮޑުވެފައި އޮތް މައްސަލައެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެކަމަށް މިހާރުން މިހާރަށްވެސް ހައްލެއް ގެނެވޭނީ މަޖިލިސް ތެރެއިން ކަންތައްތަކެއް ކުރެވިގެން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން