ފެނަކަ ސައިޓްތަކުގެ މުވައްޒަފުންގެ ތެރެއިން މުސާރައާއި އިނާޔަތް ނުދީ ހިފަހައްޓަނީ ސަރުކާރު ކެންޑިޑޭޓަށް ތާއީދު ނުކުރާ ރަށްރަށުން ކަމަށް އެމްޑީޕީއިން ތުހުމަތު ކޮށްފިއެވެ.

އިދިކޮޅު އެމްޑީޕީގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގެ ސްޕޯކްސްޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވީ، މުސާރައާއި އިނާޔަތްތައް ނުދީ ހިފަހައްޓާފައި ވަނީ ކުޅުދުއްފުށި ސިޓީގެ ފެނަކަ މުވައްޒަފުންގެ އެކަނި ނޫން ކަމަށާއި، ނ. ކުޑަފަރި ފަދަ އެހެން ރަށްރަށުގެ ފެނަކަ މުވައްޒަފުންވެސް އެ ޝަކުވާ ކޮށްފައިވާ ކަމަށެވެ.

ބައެއް ރަށްރަށުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށްފަހު އަނެއްބައި ރަށްރަށުގައި ނުދީ ހިފަހައްޓާ ސަބަބެއް ކަމަށް އެމްޑީޕީއަށް ފާހަގަ ކުރެވުނީ، ސަރުކާރު ކެންޑިޑޭޓަށް ތާއީދު ކުރުމާ ނުކުރުމުގެ ސަބަބުން ކަމަށް އީސަ ތުހުމަތު ކުރެއްވިއެވެ.

އެހެންކަމުން ސަރުކާރު ކުންފުނިތަކުގެ މުސާރައާއި އިނާޔަތްތަކާއި ރަމަޟާން އެލަވަންސް ގާނޫނާ އެއްގޮތަށް ދިނުމަށް އީސަ ވަނީ ސަރުކާރަށް ގޮވާލާފައެވެ.

މިދިޔަ ޖެނުއަރީ މަހުގެ މުސާރައިގެ ބަޔަކާއި އަދި މިދިޔަ މަހުގެ މުސާރައިގެ އިތުރުން ރޯދަ އިނާޔަތްވެސް ނުލިބޭ ކަަމަށް ބުނެ ކުޅުދުއްފުށީ ފެނަކައިގެ މުވައްޒަފުން ވަނީ އިއްޔެ އިހުތިޖާޖަށް ނުކުމެފައެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ ކައުންސިލް މެމްބަރު "ރަސް" އަށް ވިދާޅުވީ މުސާރައިގެ މައްސަލަ ހައްލުކުރަން ކައުންސިލުންނާއި ޑެޕިއުޓީ މިނިސްޓަރުންވެސް މަސައްކަތްކޮށްފައިވާ ކަމަށެވެ.

އަދި ކުރެވުނު މަސައްކަތުން އިއްޔެ މެންދުރު މުސާރައާއި އިނާޔަތްތައް ހަމަޖައްސައިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއާއެކު މުވައްޒަފުން ކުރަމުން އައި އިހުތިޖާޖު ވެސް މިހާރު ހުއްޓާލައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން