އިބްރާހިމް ފަހީމް   13 މާރިޗު 2024 - 21:43
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު ޢަބްދުﷲ ސަނީފް ދެއްކެވި ވާހަކައިގައި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރެއްވުމުން އެކަމަށް ޝާހިދު ރައްދުދެއްވައިފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ އެންޓި ޑިފެކްޝަން ބިލަށް ބަހުސް ކުރައްވަމުން ސަނީފް ވަނީ، އެމްޑީޕީގެ ރައީސްކަމަށް ޝާހިދު މިފަހުން އިންތިހާބުކުރީ ހީލަތްތެރި ރޭވުމަކުންކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ޕާޓީތަކުގެ ވެރިން ޕާޓީތައް ހަރުދަނާ ކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހަށް ބަދަލުކުރުމަށް ހުށަހެޅި މައްސަލައިގައި މަޖިލީހުގެ ޖަލްސާގައި ސަނީފް ބައިވެރިވެ ވަޑައިނުގެންނެވީ ރިޝްވަތު ނަގައިގެންކަމަށް ބުނެ ޝާހިދު އިސްވެހުރެ ވާހަކަތައް ފަތުރަމުންދާކަމަށް ސަނީފް ތުހުމަތު ކުރެއްވިއެވެ. އަދި އެކަންކުރަނީ ދިޔަވަރުކިޔާ އޮންލައިން ނޫހެއްގައި ޝާހިދު އަޑީގައި ހުންނަވައިގެންކަމަށް ސަނީފް ތުހުމަތު ކުރެއްވިއެވެ.

"އަދި މި ވާހަކަ ދައްކަނީ ޕާޓީގެ މިއަދުގެ ރައީސް އަބްދުﷲ ޝާހިދު އުފައްދައިގެން އުޅޭ ނޫހެއް ކަމަށްވާ މިއުވާނުގެ ނޫހުގައި މިފަދަ ވާހަކަ ލިޔެ ޕާޓީގެ މެންބަރުން ފަލީހަތް ކުރުމަކީ މިތަނުގައި ހުރެގެން، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ހުރެގެން އަޅުގަނޑު ކުށްވެރި ކުރާ ކަމެއް،" ސަނީފް ވިދާޅުވިއެވެ.

ސަނީފްގެ މި ތުހުމަތުތަކަށް ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަނީފް ތުހުމަތު ކުރެއްވި ނޫހާއި ޝާހިދާއި އެއްވެސް ގުޅުމެއް ނޯންނާނެކަމަށާއި އެއީ ދޮގު ވާހަކައެއް ކަމަށެވެ. އަދި މަޖިލީހުގެ އިމްތިޔާޒު ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ދޮގު ހެދުމާއި މީސްމީހުންގެ އަބުރަށް އަރައިގަތުމަކީ ޑިމޮކްރަސީއާއި ބީރަށްޓެހި ފިނޑިކަމެއްކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޝާހިދުގެ އިތުރުން، ސަނީފްގެ ތުހުމަތަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މިއުވާން ވެސް މިއަދު ވަނީ ރައްދު ދެއްވާފައެވެ. އޭނާ ވެސް ވަނީ ސަނީފް ދައްކާފައިވަނީ ހަގީގަތެއްނެތް ވާހަކަތަކެއްކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން