ވާނުވާ ބަންދަށް ހައްލެއް ގެނައުމަށްޓަކައި ގާނޫނީ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކުރުމަށް ހުޅުވާލައިފައިވާ ފުރުސަތުގެ ތެރެއިން މ. މުލަކު، އޯޝަންލެޑް، ނަޝީދާ ޙަސަން ސުވާލު ކޮށްފައި ވަނީ ޝަރީޢަތް ނިމެންދެން ކުރާ ބަންދު ނުވަތަ "ވާނުވާ" އާ ގުޅޭގޮތުންނެވެ.



ނަޝީދާ ބުނީ، ވެރިކަމަށް އައުމުގެ ކުރިން އެންމެ ފުރަތަމަ ވެވަޑައިގެންނެވި އެއް ވައުދަކީ، ވާނުވާގައި ތިބި މީހުން ދޫކޮށްލާނެ ވައުދު ކަމަށެވެ. އެހެންކަމުން ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުން، ވާނުވާ ބަންދުގައި ތިބި މީހުން ދޫކޮށްލާނެ ކަމަށް ވަރަށް ބޮޑު އިންތިޒާރު ކުރެވޭ ކަމަށް ނަޝީދާ ބުންޏެވެ.

ދިރިއުޅުމުގެ ހާލަތު ބަޔާންކޮށްދީ ނަޝީދާ ބުނީ، ނުކުޅެދުންތެރިކަން ހުރި ކުއްޖަކާއެކު ހަތަރު ކުދިން ގޮވައިގެން ފިރިމީހާއާ ނުލާ އުޅެމުން ގެންދާ ކަމަށެވެ. އަދި އޭނާގެ ފިރިމީހާ ހުރީ ތުހުމަތަކަށް ގެންގޮސްފައި ކަމަށާއި މިހާރު ބަންދަށް ދެ އަހަރު ވާން ކައިރިވެފައިވާ ކަމަށެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ، ވާނުވާ މައްސަލަ ހައްލު ކުރުމަކީ އެމަނިކފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއް ކަމަށެވެ. މިހާރު އެކަމާ ގުޅޭގޮތުން ގާނޫނަށް އިސްލާހުތަކެއް ގެނައުން ފަދަ ލީގަލް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ، އިރާދަކުރެއްވިއްޔާ ގާނޫނީ ހައްލެއް ތި މައްސަލައަށް ގެނެވޭނެ ގޮތްތަކެއް ކުރަމުން މި ގެންދަނީ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ތަހުގީގު މަރުހަލާގެ ކަންތައްތައްވެސް މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ވާނުވާގެ މައްސަލައަށް ރަނގަޅު ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން