ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން އުޅުނު ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުން ދާކަމުގެ ޝަކުވާއާއި ކަންބޮޑުވުން އާއްމުން ފާޅުކުރަމުންދާތީ މި މަހުގެ ނުވަ ވަނަ ދުވަހު ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ބިދޭސީންނަށް އަމާޒުކޮށް ހާއްސަ އޮޕަރޭޝަނެއް ހިންގި ކަމަށެވެ.



އެގޮތުން މ. ސްޓަރކްލައުޑްސް އިމާރާތުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމް ކައިރީގައި ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމައި ހަރަކާތްތެރިވާކަން ފާހަގަކުރެވި، އެމީހުން ދެނެގަތުމަށް ހާއްސަ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

އެ އޮޕަރޭޝަން ހިންގާފައިވަނީ އިމިގްރޭޝަންގެ ރިސްކު އިންޓެލިޖެންސް އެންޑް ލީގަލް އެފެއަރޒް އަދި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޜަން ގުޅިގެން ކަމަށް ވެސް ބުނެފައި ވެއެވެ.

އެ އޮޕަރޭޝަންގައި ޖުމްލަ ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ކަމަށާއި އެ އެންމެންނަކީ ވެސް ފުޅާ ދާއިރާއެއްގައި ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

"މީގެތެރޭގައި، ސައްހަ ވީޒާއެއް ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރާ ބިދޭސީން ވެސް ހިމެނެއެވެ." އިމިގްރޭޝަނުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން