އޮފްތަމޮލޮޖީ ނުވަތަ ލޮލުގެ ބަލިތަކަށް ހާއްސަ ސިއްހީ ފަރުވާ ދޭ ފަރާތްތަކުން ތަމްރީނު ކުރުމަށް އައިކެއާ އަދި ސައިރެކްސް ކޮލެޖުން ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން، ސައިރެކްސްގެ ދަރިވަރުންނަށް އައިކެއާގެ ކްލިނިކް ތަކުން މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.

ސައިރެކްސް ކޮލެޖުން ބުނީ އައިކެއާ އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ލޮލުގެ ބަލިތަކަށް ހާއްސަ ސިއްހީ ފަރުވާ ދޭ ފަރާތްތަކުން ތަމްރީނު ކުރުމަށް ޑިޕްލޮމާއާއި ޑިގްރީ ފެންވަރަށް މިދާއިރާގެ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި މީގެ އިތުރުން ހެލްތް ސެކްޓާ މެނޭޖްމަންޓްގެ ކޯސްތައްވެސް ހިންގަން ފަށާނެ ކަމަށެވެ.

މި އެއްބަސްވުމުގައި އައިކެއާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ، ޑރ. އަބްދުﷲ ޒާހިރުއެވެ. އަދި ސައިރެކްސް ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފެވެ.

މިއެއްބަސްވުމުގެ ދަށުން ކޯސްތައް ހިންގުމަށް ބޭނުންވާ ކޯސްތައް ފަރުމާކޮށް، މި އަހަރު ތެރޭގައި ފެށޭވަރު ވާނެ ކަމަށް ސައިރެކްސް އިން ބުނެއެވެ. އަދި ކޯހުގެ ކިޔެވުން ނިމި، ލައިސަންސް ލިބި، އައިކެއާގެ އިތުރުން އެ ދާއިރާގައި އެހެން ކްލިނިކް ތަކުގައި ދިވެހި ކުދިންނަށް ހިދުމަތް ކުރުމުގެ ފުރުސަތު މި ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް ލިބިގެންދާނެކަމަށް އެކޮލެޖުން ހާމަކޮށްފައިވެއެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ޑރ. ޒާހިރު ވިދާޅުވީ، އަބަދުވެސް ދިވެހިންނަށް އިސްކަންދޭން އައިކެއާއިން ބޭނުންވާ ކަމަށެވެ. އެހެންކަމުން ދިވެހި ޑޮކްޓަރުން އިތުރުވާ ވަރަކަށް، ބޭރު މީހުންގެ ބަދަލުގައި ދިވެހިންނަށް ފުރުސަތު ދޭނެ ކަމަށް ޒާހިރު ވިދާޅުވިއެވެ.

އަދި ކޯސް ނިމިގެން އިތުރު ތަޖުރިބާ ހޯޯދުމަށް، ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޓްތަކާއި ކްލިނިކްތަކުން ފުރުސަތު ހޯދައިދޭނެ ކަމަށްވެސް ޒާހިރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން