ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމްގެ ދަށުން ފުލެޓާއި ގޯތި ދޫކުރުމާއި ގުޅޭ މައްސަލަތައް ބެލުމަށް ހައުސިންގ ކޮމެޓީގެ ނަމުގައި ހާއްސަ ކޮމެޓީއެއް އެކުލަވާލައިފިއެވެ.

ހައުސިންގ މިނިސްޓްރީން މިއަދު ބުނީ، އެ ކޮމިޓީއަކީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅިގެން ހުށަހަޅާ މައްސަލަތަކާއި އަދި ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭ ގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ބޭނުންވާ ލަފާ ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އެކުލަވާލި ކޮމިޓީއެއްކަމަށެވެ.

މި ކޮމެޓީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އުފައްދާފައިވާއިރު އެ ކޮމެޓީގެ މެންބަރުންގެ ގޮތުގައި ހިމެނެނީ، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހްމަދު، އާމިނަތު އީނާސް، އަހްމަދު އަލީ މަނިކު، އަބްދުލް އަޒީޒް ޔޫސުފް އަދި މަރިޔަމް ފިޒާނާ ރަޝީދެވެ.

ކޮމެޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ކޮމެޓީގެ ޗެއާއެއްގެ ގޮތުގައި އައްޔަންކުރައްވާފައި ވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހްމަދުއެވެ. އަދި ކޮމިޓީގެ ވައިސް ޗެއާއެއްގެ ގޮތުގައި އައްޔަން ކޮށްފައި ވަނީ އަބްދުލް އަޒީޒް ޔޫސުފްކަމަށް މައުލޫމާތު ލިބެއެވެ.

ކުރީ ސަރުކާރުން ހިންގި ބިންވެރިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި ނުހައްގުން ބައެއް ފަރާތްތަކަށް ބިމާއި ފުލެޓް ދޫކޮށްފައިވާކަމުގެ ޝަކުވާއާއިއެކު މި ސަރުކާރުންވަނީ އެ ސްކީމްތަކުގެ ތެރެއިން ނުހައްގުން ފުލެޓް ދީފައިވާ މީހުން ބަލައި ލިސްޓްތަކަށް ބަދަލު އަންނާނެކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން