އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ އެ ދާއިރާގެ މިހާރުގެވެސް މެމްބަރު ހަސަން ލަތީފްގެ ކެމްޕެއިން ބޯޑަށް ގެއްލުން ދިން މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ..

ހަސަން ލަތީފް ރޭ ކުރެއްވި އެކްސްއެއްގައި ވަނީ އޭނާގެ ބިލްބޯޑަށް ގެއްލުން ދީފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާ ކުރައްވައިފަ އެވެ.

އެ ފޮޓޯ ހިއްސާ ކުރައްވައި ހަސަން ވިދާޅުވީ ކެމްޕޭން ބިލް ބޯޑުތަކަށް ގެއްލުން ދިނުމަކީ ފިނޑި އަމަލެއް ކަމަށެވެ.

އެހެންވެ އެ މައްސަލަ ފުލުހުންނަށާއި އަދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް މަޖިލިސް އިންތިހާބުގައި ވާދަ ކުރާ ކެނޑިޑޭޓުންނަށް ހަމަ ހަމަ ފުރުސަތުތައް ޔަގީންކޮށްދީ އަދި ކެނޑިޑޭޓުންގެ އިންތިހާބީ ހައްގުތަކަށް އުނި އިތުރުކަން އަންނާނެ ކަންކަން ނުކުރަން އިލެކްޝަންސް ކޮމިޝަނުން އޮތީ އިލްތިމާސްކޮށްފަ އެވެ.

އެހެން ނަމަވެސް ކެނޑިޑޭޓުންނަށް ފުރައްސާރަ ކުރުމުގެ ކަންކަން ދަނީ ފެންނަމުން ނެވެ. އެގޮތުން ފަރެސް މާތޮޑާ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އަހުމަދު ޒައީމްގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ އިރު އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން