ރޯދައާއެކު ﷲ ދެއްވި ނިއުމަތުގެ އަގު ވަޒަންކުރެވި ޝުކުރުވެރިވެ އުޅުމަށް މަގުފަހިވާ ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

ހުތުބާގައި ބުނީ ރޯދަ ފަރުޝުކުރައްވާފައި ވަނީ ތަގުވާވެރިކަން ހާސިލުކުރުމަށް ކަމަށެވެ.

ހަމަ އެހެންމެ ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި އެތައް ކަމެއް އިލްމުވެރިން ބަޔާންކުރައްވާފައިވާ ކަމަށް ވެސް ބުނެފައި ވެެއެވެ. އަދި އެ ހުރިހާ ކަންކަމަކީ ވެސް ތަގުވާވެރިކަން ހާސިލުކޮށްދޭ ކަންކަންކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ.

ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައު ﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން ހިމެނޭކަން މިއަދުގެ ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.

"އަޅާ ރޯދައަށް ހުންނަ އިރު ކެއުން ބުއިމާއި އެންމެހާ ޝަހުވާނީ އެދުންތަކުން އޭނާގެ ނަފްސު ހިފަހައްޓައެވެ. ﷲ ތައާލާ އޭނާއަށް ހުއްދަކުރައްވާފައިވާ ބައެއް ނިއުމަތްތަކާ ކުޑަވަގުތުކޮޅަކަށް ވިޔަސް ދުރުހެލިވުން، އެ ނިއުމަތްތަކުގެ އަގު ވަޒަންކުރުން ދަސްވެ އެވެ. ވަރަށް ގިނަ ފަހަރަށް ނިއުމަތެއްގެ އަގު ވަޒަން ކުރެވޭނީ އެ ނިއުމަތެއް ބީވެގެން ދިއުމުން ނެވެ. ރޯދައިގެ ސަބަބުން ﷲ ތައާލާ އިންސާނާއަށް ދެއްވި ނިއުމަތްތަކުގެ އަގު ވަޒަން ކުރެވި އެ ނިއުމަތްތަކަށް ޝުކުރުވެރިވެ އުޅުމަށް މަގުފަހިވެ އެވެ" ހުތުބާގައި ބުނެފައި ވެއެވެ.

އެކަމުގެ ނަތީޖާއެއްގެ ގޮތުން ރޯދަވެރިޔާގެ ކިބައިގައި އަވައްޓެރިންނަށް ކަމޭހިތުމާއި ނިކަމެތިންނަށް ހެޔޮފޯރުވުމާއި ފަގީރުންގެ ހާލު ބަލައި އުޅުމުގެ މަތިވެރި އާދަ އަަށަގަންނަކަން ވެސް ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން