މަސްވެރިންނާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް ފަސޭހަ އެކި ހިދުމަތްތައް ލިބޭގޮތަށް ފަރުމާކޮށްފައިވާ ހާއްސަ އެޕެއް ތައާރަފުކޮށްފިއެވެ.

ދިވެހި ސިފައިންގެ އެއާ ކޯ އިފްތިތާހުކުރަން މިރޭ ނ. މާފަރުގައި އެމްއެންޑީއެފުން ބޭއްވި ރަސްމިއްޔާތުގައި އިފްތިތާހުކުރި މި އެޕަށް ކިޔަނީ "ރަސްއައިން" އެވެ.

މިރޭގެ ރަސްމިއްޔާތުގައި އެޕާއި ގުޅޭގޮތުން ދެއްކި ވީޑިއޯ ރިޕޯޓެއްގައި ބުނީ، އެޕުގައި ރާއްޖޭގެ މެޕާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓާ (މެޓް) އިން ފޮނުވާ މޫސުމީ އިންޒާރުތަކާއި ކަނދުފަތިތައް ހުންނަ ތަންތަނާއި ދިޔަވަރާއި އޮއިވަރާއި ގުޅޭ މައުލޫމާތު ހިމެނިފައި ހުންނާނެކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާ ދިވެހި ސިފައިންނާ ކޯސްޓްގާޑާއި ދިވެހި މަސްވެރިންނާއި ގުޅުވާލަދޭ ވަސީލަތަކަށް ވެސް މި އެޕް ވެގެންދާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި ކުއްލި ހާލަތުގައި ފޮނުވާ ޑިސްޓްރެސް ސިގްނަލްތަކާއި ސަލާމަތީ ބާރުތަކުން ހިއްސާކުރާ އެހެނިހެން އާންމު މައުލޫމާތުތައް ވެސް މި އެޕުން ފެންނަން ހުންނާނެކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ މި އެޕް ވެގެންދާނީ މަސްވެރިންނާ ދަތުރުވެރިންނަށް ދަތުރު ކުރިއަށް ރޭވުމަށް ބޮޑު އެހީތެރިކަމަކަށް ވާނެ އެޕަކަށް ކަމަށެވެ. އަދި އޭގެ ސަބަބުން ދަތުރުތަކުގެ ހަރަދު ވެސް ބޮޑުތަނުން ކުޑަވެގެންދާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން