މާލޭ ސިޓީގެ ކެފޭއެއްގެ އެތެރެ
މާލޭ ސިޓީގެ ކެފޭއެއްގެ އެތެރެ
ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ހޯދާ މީހުން މާސްކް އަޅަން ނުޖެހޭ ގޮތަށް މާސްކް އެޅުމާބެހޭ ޤަވާއިދު އިސްލާޙު ކޮށްފިއެވެ.

މާސްކު އެޅުމާ ގުޅޭ ގަވާއިދު އިސްލާހުކުރުމަށްފަހު ގެޒެޓްކޮށްފައިވާއިރު އެ އިސްލާޙުގައިވަނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ހޯދާ މީހުން މާސްކް އެޅުން އިސްތިސްނާވާނެ ކަމަށެވެ.

މި އިސްލާހުގައި ބުނެފައިވަނީ މާލެ ސަރަޙައްދުގައި ގެއިން ބޭރުގައި އުޅޭއިރު އަނގަ އާއި، ނޭފަތާއި، ދަތްދޮޅި ނިވައިވާ ގޮތަށް މާސްކު އަޅަންޖެހޭނެ ކަމަށެވެ. މިގޮތަށް މާސްކު އެޅުން މަޖުބޫރު ކޮށްފައިވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށާއި، އެހެންނަމަވެސް ވަކި ފަރާތްތަކެއް ގެއިން ބޭރުގައި އުޅޭއިރު މާސްކު އެޅުން އިސްތިސްނާ ވާނެ ކަމަށެވެ.

އެގޮތުން އުމުރުން 2 އަހަރުން ދަށުގެ ކުޑަކުދިންނާއި، ކަސްރަތު ކުރަން އުޅޭ މީހުންނާއި، އެހެން މީހެއްގެ އެހީއާނުލައި މާސްކު އަޅައި، މާސްކު ނުނެގޭ މީހުންނާއި، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ހޯދާ މީހުން މާސްކު އެޅުމުން އިސްތިސްނާ ވާނެ ކަމަށް އެ އިސްލާޙުގައިވެއެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމާއެކު ބޭރުތެރޭގައި އުޅޭއިރު މާސްކު އެޅުމަށް ވަނީ މަޖުބޫރުކޮށްފައެވެ. އަދި މާސްކު ނާޅާ ބޭރުތެރޭގައި އުޅޭނަމަ 1،000 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެޗްޕީއޭއިން ބުނީ މާސްކް އެޅުން މަޖުބޫރު ކުރީ، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

މި މަހުގެ ފުރަތަމަ ދުވަހު އެޗްޕީއޭއިން އާންމުކުރި އެންގުމެއްގައި ބުނީ މާލެ ސަރަހައްދުގައި ބޭރުގައި އުޅޭ އިރު އަނގަ އާއި ނޭފަތް އަދި ދަތްދޮޅި ނިވާވާ ގޮތަށް މާސްކް އަޅަން ޖެހޭނެ ކަމަށެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4،164 އަށް އަރާފައެވެ. އަދި މިބަލީގައި ރާއްޖެއިން 18 މީހަކު ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން