ދިވެހި ގައުމުގެ ހައްގުގައި ދިވެހީން އިސްކުރަންވާނީ ދިވެހި ފިކުރުކަން އެއީ އެންމެންވެސް ގަބޫލުކުރަންވާނޭ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދިވެހި ސިފައިންގެ ވައިގެ ފޯސް، އަދި ކަނޑުގެ ސަރަހައްދު ބަލަހައްޓާ ޑްރޯން އިފްތިތާހު ކުރުމަށް މިރޭ ނ. މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތް ކުރުމަކީ ދިވެހީންނަށް ލިބިފައިވާ ހައްގެއްކަމަށް ދިވެހީން ގަބޫލުކުރުމަކީ އެމަނިކުފާނަށް ލިބޭ އެންމެބޮޑު ހިތްހަމަޖެހުން ކަމަށެވެ. އަދި އެއީ ކޮންމެ ދިވެއްސަކު ވެސް ގަބޫލުކުރަންޖެހޭ ކަމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަޅުގަނޑުމެންނަކީ ފުރަތަމަ ދިވެއްސެއް ކަމަށާއި ފަހުރުވެރި ދިވެހި ރައްޔިތުންކަމުން ފިކުރުގައި ކޮންމެކަހަލަ ތަފާތުކަމެއް ހުރިނަމަވެސް އިސްކުރަންވީ ދިވެހި ފިކުރުކަމަށެވެ.

މިރޭގެ ޖަލްސާގައި ރައީސް ވަނީ ގައުމުގެ ސަލާމަތީ ކަންކަން ދިވެހީން އަމިއްލައަށް ބަލަހައްޓަން ފެށުމުގެ މުހިންމުކަމާބެހޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިއްލު ގައުމެއް ކަމަށާއި އަޅުގަނޑުމެންގެ ސަރަހައްދަށް އަމިއްލަ ސިޔާދަތީ ބާރު ހިނގާކަމަށާއި އަދި މިއީ އަމިއްލަ ސިޔާދަތީ ބާރު ހިނގަންޖެހޭނެ ގައުމެއް ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ސަރަހައްދު ދިވެހީން އަމިއްލައަށް ބެލެހެއްޓުމަކީ އެހެންބަޔަކު އެކަމާ ކަންބޮޑުވާންޖެހޭނެ ކަމެއް ނޫންކަމަށާއި އަދި ކަންބޮޑުވާނަމަ އެއީ އަދި މާ ކަންބޮޑުވާންޖެހޭނެ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން