މި ފަސްއަހަރު ނިމޭއިރު ކޯސްޓުގާޑްގެ ޚިދުމަތް މިހާރަށްވުރެ ދެ ގުނަ ބޮޑު ކުރަށްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އެއަރ ކޯރ އިފުތިތާހުކޮށްދެއްވައި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ސިފައިންގެ ޚިދުމަތަށް ތަޢާރަފުކޮށްދެއްވުމަށް މިރޭ މާފަރު އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުންނެެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފަސްއަހަރު ނިމޭއިރު އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ޚިދުމަތް ދެ ގުނަ އަށް ބޮޑު ކުރަށްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު މަރާމާތު ކުރަންޖެހިފައިވަނީ އެމްއެންޑީއެފްގެ އިމާރާތްތަކެއް ނޫން ކަމަށާއި ކޯސްޓުގާޑްގައި ބޭނުންކުރާ އުޅަނދުތަކުގެ ހާލަތު އޮތީ ވަރަށް ދަށް ހާލަތެެއްގައި ކަމަށެވެ. އެގޮތުން ކޯސްޓުގާޑްގައި ބޭނުންކުރާ ކުދި ގިނަ އުޅަނދުތަކެއް ހުރި ނަމަވެސް އެ އުޅަނދުތައް ހުރީ ބޭނުންނުކުރެވޭ ފަދަ ހާލަތެއްގައި ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"މިއީ ހިތާމަ ހުރިކަމެއް، އެތައް އަހަރެއް މިދިޔައީ މިކަންކަމަށް ސަމާލުކަމެއް ނުދެވި. އެހެން ނަމަވެސް މިއީ ދިވެހި އަސްކަރިއްޔާ. މިއީ އެއްގޮތަކަށް ވެސް ދިވެހިން ބަލައިގަންނަންޖެހޭ، އަޅުގަނޑުމެންނަށް ހައްގު މިންވަރެއް ނޫން. އަޅުގަނޑު އިއުލާން ކުރަން ބޭނުންވާ ކަމަކީ އިރާދަކުރެއްވިއްޔާ މި ފަސްއަހަރު ނިމޭއިރު މިހާރު އެ ކޯސްޓުގާޑްގެ ކެޕޭސިޓީ ދެގުނަ އަށް ބޮޑުކުރާނެ ކަން. އެކި ސައިޒުގެ އުޅަނދުތައް އިރާދަކުރެއްވިއްޔާ ހޯދަދީ، މިހާރު ވެސް އެމަސައްކަތް އެބަ ހިނގާ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ މި އަހަރު ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ކަނޑުގެ ހައިޑްރޮގްރަފީ މަސައްކަތް އަލުން ފަށާނެކަމަށެވެ. އަދި އެކަމަށް ބޭނުންވާ ބަޖެޓް މިހާރު އެމްއެންޑީއެފަށް ހަމަޖައްސައިދީފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ދިވެހި އަސްކަރިއްޔާގެ ވައިގެ ޚިދުމަތަށް ތުރުކީއިން ގެނެސްފައިވާ އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) އަކީ އެ ގައުމުގެ ހިލޭ އެހީގެ ތެެރެއިން ގެނައި ޔޫއޭވީތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. ކުރިއަށް އޮތްތާގައި އެފަދަ އިތުރު އުޅަނދުތައް ރާއްޖެ ގެންނާނެ ކަމަށް ރައީސް މިރޭ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޭނުންފުޅުވަނީ ރާއްޖެއަކީ ހުރިހާ ގޮތަކުން ވެސް އަމިއްލަ ފައިމަތީގައި އޮންނަ ގައުމަކަށް ހަދަން ކަމަށެވެ. އެގޮތުން އިގްތިޞާދީ ގޮތުންނާއި، އަސްކަރީ ގޮތުން އަމިއްލަ ފައިމަތީ އޮންނަ ގައުމަކަށް ރާއްޖެ ހަދަން ބޭނުންްފުޅުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަކީ އެއްވެސް ބަޔަކު ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަމަށެވެ. އެއީ ބަޔަކާ ހަތުރުވެރިކަމެއް އޮވެގެން ކުރާ ކަމެއް ނޫންކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މުހިންމު ވެގެން މި އުޅެނީ މި ފަޚުރުވެރި ދިވެހިރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ބާރުވެރިކަމުގައި މިނިވަންކަންމަތީގައި އޮންނާނެ ގޮތް ހެދުން، އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ބާރުވެރިކަން މަތީގައި ހުރިހާ މާނައެއްގައި، އެއީ އިގްތިސާދީ ގޮތުން ވެސް، އަސްކަރީ ގޮތުން ވެސް މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ހަމަޖެހިގެން މީހުން ދިރިއުޅޭ ގައުމެއްގެ ގޮތުގައި މިގައުމު އޮވެގެން ނޫނީއްޔާ މިސަރަހައްދަށް ވެސް ހަމަޖެހުމެއް ނޯއްނާނެ. އެއީ އެންމެން ވެސް ގަބޫލުކުރާނެ ހަގީގަތް." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން