ރާއްޖޭގެ އަސްކަރިއްޔާގެ ވައިގެ ބާރު، އެމްއެންޑީއެފް އެއާ ކޯ ތައާރަފުކޮށް، ދިވެހި ލަޝްކަރު އަލުން ރުކުރުވާލުމަކީ ރާއްޖޭގެ ހަތުރުންނާއި މިތުރުން ސިއްސުވާލި ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު، ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ގައްސާނު މިހެން ވިދާޅުވީ އެއްގަމާއި، ކަނޑާއި، ވައިގެމަގުންވެސް ޤައުމު ދިފާޢުކުރުމުގެ ޒަމާނީ އަސްކަރީ ޤާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރުމަށް، މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެމް.އެން.ޑީ.އެފް އެއަރ ކޯރ އާއި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ސިފައިންގެ ޚިދުމަތަށް ތަޢާރަފުކުރުމަށް މާފަރު އެއާޕޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ޑިފެންސް މިނިސްޓަރު ޣައްސާނު މައުމޫން ވިދާޅުވީ ރާއްޖޭގެ އަސްކަރިއްޔާގެ ވައިގެ ބާރު، އެމްއެންޑީއެފް އެއާ ކޯ ތައާރަފުކޮށް، ދިވެހި ލަޝްކަރު އަލުން ރުކުރުވާލުމަކީ ރާއްޖޭގެ ހަތުރުންނާއި މިތުރުން ހައިރާންކޮށްލި ކަމެއް ކަމަށެވެ. އަދި އެކަމަކީ ރައްޔިތުންގެ ހިތުގައި ރައީސް މުޢިއްޒާއި މެދު އުފެދުނު ޔަގީންކަމެއް ކަމަށް ޣައްސާން ވިދާޅުވިއެވެ.





މިނިސްޓަރު ވިދާޅުވީ ވައިގެ ޚިދުމަތާއި ޔޫ.އޭ.ވީގެ ޚިދުމަރް ތައާރަފް ވެގެންދިޔުމަކީ ތުއްތު ކުދިންގެ ހިތްތަކުގައި ހުއްބުލްވަތަންގެ ދަންމަރު އަލުން ދިއްލާލި ކަމެއް ކަމަށެވެ. އަދި އެއީ ކެރޭ ދިވެހި ސިފައިންގެ އަޒުމް އިތުރަށް ވަރުގަދަ ކުރުވި ކަމެއް ކަމަށް ގައްސާން ވިދާޅުވިއެވެ.

މީގެ އިތުރުން ގައްސާން ވިދާޅުވީ އެމް.އެން.ޑީ.އެފް އެއަރ ކޯރ އާއި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ޚިދުމަތަކީ ދުނިޔޭގައި މިހާރު ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުން ކުރާ ސޮފިސްޓިކޭޓެޑް ޓެކްނޮލޮޖީ ޕްލެޓްފޯމެއް ކަމަށެވެ. އޭގެ އިތުރުން އެ ހިދުމަތްތަކަކީ ސާވައިލެންސް އާއި ސާޗް އެންޑް ރެސްކިއުއަށް، އަދި ދިމާވާ ހާލަތަކުން ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރަން ޑިފެންސިވް މެނޫވާސް ނެގޭނެ އަލިފާނުގެ ބާރު ހުރި ހަތިޔާރެއްކަން ގައްސާން ފާހަގަކުރެއްވިއެވެ.

"ދިވެހިރާއްޖޭގައި މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން އުޅުމުގެ ހައްގު އެބައޮތް ކަމުގައި ވިދާޅުވެ، ހަށި ފޮޅާލައި އަމިއްލަ ފައި މައްޗަށް ތެދުވުމަކީ ދިވެހީންގެ ވެސް ހައްގެއް ކަމަށް ވަރަށް ފާޅުގައި ވިދާޅުވެ، ކެރިގެން ކުރައްވާ ބުރަ މަސައްކަތުން، ހަލުވި ކަމާއެކު ދިވެހި ލަޝްކަރު އަލުން އަތުރާލައްވައި ތި ހޯއްދެވި ކުރިއެރުމަކީ ހަތުރުންނާއި މިތުރުން ހައިރާން ކުރުވި ކަމެއް،" ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެން އިންނެވި އެ ރަސްމިއްޔާތުގައި ގައްސާން ވިދާޅުވިއެވެ.

ސަރުކާރުން ބުނީ ދިވެހިރާއްޖޭގެ ތާރީޚުގައި މުޅިން އަލަށް ވައިގެ ބާރެއް އުފައްދަވައި، އެ ބާރުގައި ޔޫ.އޭ.ވީ ބޭނުން ކުރަން ފެށުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލާއި، ސިޔާދަތު ޙިމާޔަތްކޮށް ދިފާޢުކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ އަދި މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ޚިދުމަތުގެ ސަބަބުން، ރާއްޖޭގެ މަސްކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހިނގާފާނެ ޣައިރު ޤާނޫނީ އަމަލުތައް ހުއްޓުމަށްވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޔޫ.އޭ.ވީ ތަޢާރަފުކޮށްދެއްވުމަށްފަހު، އެމް.އެން.ޑީ.އެފް އިން ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ބަލަހައްޓަން ފެއްޓުމުގެ ޤަރާރުގައި ސޮއިކުރެއްވިއެވެ. އެއަށްފަހު އެމް.އެން.ޑީ.އެފް އަށް ޔޫ.އޭ.ވީ އާއި 'އެއަރ ސަރވެއިލަންސް' ޤާބިލުކަން ހޯއްދަވައިދެއްވުމުގެ ޝަރަފުގައި، އެމަނިކުފާނަށް ހަތް ބަޑީގެ ސެލިއުޓެއް ދިވެހި ޤައުމީ ދިފާޢީ ބާރުން ވަނީ އަރުވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން