އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބިގެން ނޫނީ މި ވާނުވާ ސަރުކާރު އޮބި އެއް ނޭޅޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ތިމަރަފުށީ ދާއިރާ އަށް ވާދަކުރަށްވާ ފަތުހު ﷲ ޖަމީލުގެ ކެމްޕެއިން ޖަގަހައިގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވީ އެޕާޓީން އުޅެނީ ރައީސް މުޢިއްޒުގެ ސަރުކާރަށް ޖެއްސުން ކޮށް ސަރުކާރު ވައްޓާލަން ނޫން ކަމަށެވެ. އެހެން ނަމަވެސް ސަރުކާރު ވައްޓާލަންޖެހިއްޖެ ނަމަ ވައްޓާލަން ޖެހޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ ރައީސް ޔާމިންގެ ސަރުކާރަށް ވުރެ މި ސަރުކާރުގެ އަނިޔާވެރިކަން ބޮޑުކަމަށާއި އެކަން މިހާރު ފެންނަމުންދާ ކަމަށެވެ.ފައްޔާޒު ވިދާޅުވީ ރައްޔިތުންނަށް ދޮގު ހަދައި އޮޅުވާލައިގެން ބަޔަކު ވެރިކަމަށް އައިނަމަވެސް ރާއްޖެ އަކީ އަނިޔާވެރި ފުދުންތެރިކަން ނެތް ގައުމަކަށް ހަދަން ޖާގަ ދެވެން އެމްޑީޕީ އަށް ނެތް ކަމަށެވެ. އެގޮތުން މި ސަރުކާރު ބޭނުންވާ ހާ ގޮތެއް ހަދަން އެމްޑީޕީން ފުރުސަތު ނުދޭނެ ކަމަށާއި ސަރުކާރު ހަމަ މަގަށް އެޅުވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އެޕާޓީން ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.ފައްޔާޒު އިތުރަށް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ މި ވާނުވާ ސަރުކާރަށް ލިބިއްޖެނަމަ، ފާއިތުވެދިޔަ 10 ވަރަކަށް އަހަރު ލިބުނު ބަސް ބުނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެންމެ ފުރަތަމަ ދުއްވާލާނެ ކަމަށެވެ. އަދި އެކަން ނުކުރެވި އޮތީ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި މިހާރު އޮތުމުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

" އެކަމަކު އަޅުގަނޑުމެންނަށް ރަައްޔިތުންގެ މަޖިލިސްގެ މެޖޯރިޓީ ލިބިގެން ނޫނީ މި ވާނުވާ ސަރުކާރު އޮބިއެއް ނޭޅޭނެ، އޮބިނޭޅިއްޖެ ކަމަށް ވައްޏާމު މި ދިޔަ ހަތަރު މަސް ދުވަހު މި ފެނުނު ކުލަވަރުން އަޅުގަނޑުމެންނަށް އެބަ އެނގޭ ސަލާމަތް ނުވާ ހިސާބަށް މިގައުމުގެ ކަންކަން ގެންދާނެ ކަން، އާދެ އަޅުގަނޑުމެން ހީކުރީ ރައީސް ޔާމިނުގެސަރުކާރު ގައޭ އެންމެ އަނިޔާވެރިކަން އަޅުގަނޑުމެންނަށް ފެނުނީ ނޫން އަޅުގަނޑަށް އެއަށް ވުރެ މާބޮޑަށް އަނިޔާވެރިކަން ފެނޭ މި ސަރުކާރާއި އެއްކޮށް،" ކުރީގެ އިކޮންމިކް މިނިސްޓަރުކަމާއި މަޖިލީހުގެ މެމްބަރު ކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން