ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް އުނގަންނައިދޭ (ސެން) ޓީޗަރުންނަށް އަލުން ރިސްކް އެލަވަންސް ދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސް އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި އާއްމު ފަރުދެއްގެ ސުވާލަށް ޖަވާބު ދެއްވަމުންނެވެ.



އެގޮތުން، މ. މުލަކު، ސޯސަންވިލާ، ޢާއިޝަތު ޝައުފާގެ ކަންބޮޑުވުމަކަށްވީ، އެ ދާއިރާގެ ޓީޗަރުން މަދުވުމެވެ.

ޝައުފާ ބުނީ، ސެން ކުދިންނަށް ކިޔަވައިދިނުމުގައި އޭނާ މިހާރު 10 ވަރަކަށް އަހަރު ހޭދަ ކޮށްފައިވާނެ ކަމަށެވެ. އަދި ދާއިރާއާމެދު އޮތް ކަންބޮޑުވުމަކީ، ދާއިރާގައި ކިޔަވައިގެން ތިބޭ ސެން ޓީޗަރުން މަދުވުން ކަމަށް ޝައުފާ ބުންޏެވެ. އެގޮތުން ސްކޫލުތަކުން އިއުލާނުކޮށްގެންވެސް ސެން ޓީޗަރުން ލިބުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭއިރު، ކުދިން އިތުރު ވަމުންދާ ކަމަށް ޝައުފާ ފާހަގަ ކުރިއެވެ.

އެހެންކަމުން ކުރިން ސެން ޓީޗަރުންނަށް ދޭ ރިސްކް އެލަވަންސް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ޝައުފާ ވަނީ ރައީސްގެ އަރިހުގައި އެދިފައެވެ.

އެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ރައީސް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ތަމްރީނު ކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި ސެން ޓީޗަރުން ހިމެނޭ ގޮތަށް، ޓީޗަރުން މަދު ދާއިރާތަކަށް މީހުން ހޯދައި ތަމްރީނު ކުރުމުގެ މަސައްކަތް މި އަހަރު މެދެއްހާ ހިސާބުން ފަށަން ރާވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގެ ތެރެއިން ސެން ޓީޗަރުންނަށް، އިރާދަކުރެއްވިއްޔާ ހާއްސަ އިސްކަމެއް ދީގެން އެ ދާއިރާއިން ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން." ރައީސް ވިދާޅުވިއެވެ.

ޓީޗަރުން މަދު ދާއިރާތަކަށް މީހުން ތަމްރީނު ކުރުމަށް މި އަހަރު މެދުތެރޭގައި ޕްރޮގްރާމެއް ފަށަން ރާވާފައިވީ ނަމަވެސް، އޭގެ ކުރިންވެސް ޓީޗަރުން އިތުރު ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ސެން ޓީޗަރުންނަށް ރިސްކް އެލަވަން ދިނުން ހުއްޓުނީ، މިދިޔަ ސަރުކާރުން ފެށިގެން އަމަލު ކުރަމުންދާ ޕޭ ފްރޭމްވޯކްގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް ސެން ޓީޗަރުންނަށް ރިސްކް އެލަވަންސްއެއް ނުވަތަ ހާއްސަ އިތުރު ފައިސާގެ އިނާޔަތެއް ލިބޭނެގޮތް މި ސަރުކާރުން ހަމަޖައްސަދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން