ދިވެހީންގެ އެހީގައި އިންޑޮނީޝިއާގައި އެޅި މިސްކިތް ހުޅުވައިފި އެވެ.

މިއީ ރާއްޖޭގައި އެންމެ ފުޅާކޮށް ބައިނަލްއަގުވާމީ ގޮތުން އެހީ ދިނުމުގައި ހަރަކާތްތެރިވާ ޖަމިއްޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ކުރިއަށް ގެންދާ "ތަޖުރީ" ޕްރޮގްރާމްގެ ތެރެއިން އެޅި މިސްކިތެކެވެ.

އިންޑޮނީޝިއާގައި އެޅި މިސްކިތައް ދީފައިވާ ނަމަކީ "މަސްޖިދުލް ރަހީމް" އެވެ. އެ މިސްކިތުގެ ނަން ބޯޑުގައި މިއީ ދިވެހީންގެ ފަރާތުން ދިން ހަދިޔާއެއް ކަމަށް ވެސް ބުނެފައި ވެއެވެ.

އިންޑޮނީޝިއާގެ މިސްކިތުގެ އިތުރުންވެސް އެތަކެއް މިސްކިތެއް ދިވެހިންގެ ނަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބިނާކޮށްފައިވާ ކަމަށް އައިއޭސީން ބުނެއެވެ.

ހަމަ އެހެންމެ ތަޖްރީ ޕްރޮގްރާމުގެ ދަށުން އެފްރިކާގައި ދެ މިސްކިތެއް ބިނާ ކުރަމުންދާ ކަމަށް އައިއޭސީން ބުނެއެވެ. އެއީ ނައިޖީރިއާ އާއި ބެނިންގައި ބިނާކުރަމުންދާ ދެ މިސްކިތެއް ކަމަށް އެފަރާތުން ބުނެއެވެ.

އަދި އެކަމަށް ފައިސާގެ އެހީ މިހާރު ދެވޭނެ ކަމަށް ވެސް އައިއޭސީން ބުނެއެވެ.

މިސްކިތް ބިނާކުރުމުގެ އިތުރުން ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ޔަމަން، ސީރިއާ އަދި ފަލަސްތީނުގެ ރައްޔިތުންނަށް ވެސް އައިއޭސީން ދަނީ އެހީ ދެމުން ނެވެ.

ނަމަވެސް އެޖަމިއްޔާއިން ދިވެހިންގެ އަތުން އެހީ ހޯދައިގެން ކަންކަން ކުރަމުންދަނީ ދެފުށް ފެންނަ ގޮތަށް ނޫންކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ އެ ޖަމިއްޔާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން އިތުބާރުހުރި ގޮތެއްގައި އެޖަމިއްޔާގެ އޮޑިޓް ރިޕޯޓްތައް ނެރެ އާންމު ނުކުރާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން