ހިޔާ ފްލެޓްގައި ހަރުކުރާ ލިފްޓު ތަކުގެ ތެރޭގައި ސްޓްރެޗަރ ހުންނަ ލިފްޓުތައް ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ހުޅުމާލޭ ހިޔާ ފްލެޓްތަކުގައި މިހާރު ހަރުކުރަމުންދާ ލިފްޓްތަކުގެ ތެރޭގައި ބަލިމީހުން އުފުލާބޭލުމަށް ޚާއްސަ ފްލެޓް ހިމެނޭނެތޯ ގދ. ގައްދޫ ކައިރުގޭ މުޙައްމަދު ލަބީބު ކުރެއްވި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ މިހާރު ހަރުކުރާ ލިފްޓު ތަކުގެ ތެރޭގައި ސްޓްރެޗަރ ހުންނަ ލިފްޓުތައްވެސް ހިމެނޭ ކަމަށެވެ

އަދި އެކަމުގެ ސަބަބުން ބަލި މީހުން އަރުވާ ބޭލުމަށާއި އެތަނުން އަނެއް ތަނަށް ގެންދިއުމަށް ފަސޭހަ ވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ހިޔާ ފްލެޓުގެ ލިފްޓުތައް ހަރުކޮށް ނިމުމުން ބަލި މީހުން އުފުލުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.



ރައީސް މިމޭރުމުން ވިދާޅުވެފައިވާއިރު ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.

މިމަޝްރޫޢުގެ މަސައްކަތް އެޗްޑީސީން ހަވާލުކޮށްފައި ވަނީ ޝެންޔަންގް ޔުއާންޑ އިންޓެލެކްޗުއަލް ގުރޫޕާއެވެ. މިމަސައްކަތުގެ އެއްބަސްވުމެއްގައި އެޗްޑީސީން މިހާރުވަނީ އެ ގްރޫޕާއެކު ސޮއިކޮށްފައެވެ.

މިއެއްބަސްވުމުގެ ދަށުން މުޅި ޖުމްލަ 32 އާ ލިފްޓް ހިޔާ ޓަވަރު ތަކުގައި ގާއިމު ކުރާނެ ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. މީގެތެރޭގައި ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖަރ އަދި ސްޓްރެޗަރ ލިފްޓެއް ގާއިމުކުރުން ހިމެނެއެވެ.

މި މަޝްރޫއުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މި މަސައްކަތް އެއް އަހަރު ދުވަސް ތެރޭ ނިންމާލެވޭނެކަމަށް އެޗްޑީސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން