ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް - ފޮޓޯ: ސޯޝަލް މީޑިއާ
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް - ފޮޓޯ: ސޯޝަލް މީޑިއާ
ރާއްޖޭގެ ބޯޑަރ ހުޅުވާލިފަހުން ރާއްޖެއަށް 1769 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ޢާއްމުކޮށްފައިވާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ތަފާސްހިސާބުގެ ތަފްސީލް ދައްކާގޮތުން ބޯޑަރ ހުޅުވާލިފަހުން 31 ޖުލައިގެ ނިޔަލަށް ރާއްޖެއަށް 1769 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 15 ޖުލައި އިން 31 ޖުލައިގެ ނިޔަލަށް 17 ދުވަސް ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ. އެޤައުމުން 258 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެމެރިކާއިން 189 މީހަކާއި، ޔޫއޭއީ އިން 143 މީހަކު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ.

މި މުއަދަތުގައި އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ، ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ. އެދުވަހު ޖުމްލަ 218 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ.



ކޯވިޑް-19 އާ ގުޅިގެން ހީނަރުވެފައިވާ ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށްޖެހުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކޮންމެ ގައުމެއްގެ ފަތުރުވެރިއަކަށް ވެސް ކުރިއެކޭ އެއްގޮތަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ އެވެ. އަދި ބައްޔަށް ޝައްކު ނުވާ ނަމަ ކޯވިޑް-19 އަށް ޓެސްޓެއް ވެސް ނުކުރާނެއެވެ. އެހެން ނަމަވެސް، ބައެއް ރެންޑަމް ސާމްޕަލް ނަގާނެ އެވެ. ސަރުކާރުން އަންދާޒާ ކުރަނީ ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ފަސް ލައްކަ ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާފައިވާއިރު، 61 ރިސޯޓެއް މިހާތަނަށް އަލުން ހިންގަން ފަށާފައިވެ އެވެ. އަދި ކުރިއަށް އޮތް ދެ މަހު ވެސް ގިނަ އަދަދެއްގެ ރިސޯޓްތަކެއް އަލުން ހުޅުވާނެއެވެ. ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް 27 ގަ އެވެ. އޭރު ރާއްޖޭގެ 150 އަށް ވުރެ ގިނަ ރިސޯޓް ދިޔައީ ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން