އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ މުޅި ހަޔާތް ވޭތުކުރައްވަނީ ދޮގު ހެދުމުގައި ކަމަށް ވިދާޅުވެ، އެކަން އިސްލާހު ކުރުމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފިއެވެ.

ޝަހީމް މިހެން ވިދާޅުވީ، މަލީހު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.

މަލީހު ވިދާޅުވީ، މާލޭގެ މިސްކިތްތަކުގައި ނަމާދު ކުރާއަޑު ބޭރަށް އިވޭތީ އެކަން ހުއްޓުވައިގެން އުޅެނީ ކީއްވެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ވަކި އަރަބި ގައުމެއްގައި ކުރާ ކޮންމެ ކަމެއް ރާއްޖޭގައި ކުރަންޖެހޭތޯ މަލީހު ވަނީ ސުވާލު އުފައްދާފައެވެ.

"އަރަބި ނޫން މުސްލިމް ގައުމުތައް ބައިވަރު. ސަގާފަތްވެސް ތަފާތު." މަލީހުގެ ޕޯސްޓުގައި ފާހަގަ ކުރިއެވެ.

މީގެ އިތުރުން މަލީހު ވިދާޅުވީ، އިންޑޮނޭޝިއާ، މެލޭޝިއާފަދަ ގައުމުތައްވެސް އަރަބި ދުނިޔެއިން ކުރާ ކޮންމެ ކަމެއް ކޮޕީ ނުކުރާ ކަމަށެވެ. އަދި އެކަން މުރާޖަޢާ ކުރަން މަލީހު ވަނީ ރައީސް ޑރ. މުއިއްޒުއަށް އިލްތިމާސް ކުރައްވާފައެވެ.

މުޅި މާލެއިން ނަމާދުގެ އަޑު ކެޑިއްޖެ ކަމަށް މަލީހު ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި ނަމާދުގެ އަޑު އިވުމުން ކުރާ ފައިދާ މާބޮޑު ކަމަށާއި، މިބާވަތުގެ ކަންކަމަކީ ކުއްލި ކުއްލިއަށް ބަދަލު ކުރާ ޒާތުގެ ކަންކަން ނޫންކަން ފާހަގަ ކުރައްވައި މަލީހު ވިދާޅުވީ، އޭގެ ސަބަބުން ނުރައްކާތެރި ނަތީޖާއެއް ނިކުމެދާނެ ކަމަށް ބިރުހީވާ ކަމަށެވެ.

އެކަމާ ގުޅިގެން، މަލީހަށް ރައްދު ދެއްވައި ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަލީހުގެ މުޅި ހަޔާތް ވޭދު ކުރެއްވީ ދޮގު ހެދުމާއި، ފިތުނަ ފަސާދަ އުފެއްދުމާއި، މުޖުތަމައު ފަސާދަ ކުރުމުގައި ކަމަށެވެ. އަދި މަލީހު ވަނީ ޣައްދާރު ވެފައި ކަމަށް ޝަހީމް ތުހުމަތު ކުރެއްވިއެވެ.

"ރާއްޖޭގެ މިސްކިތްތަކާ ބެހޭގޮތުން ބަރަކާތްތެރި ރޯދަ މަހު، ދޮގު ނުފަތުރާ އިސްލާހުވާން ނަސޭހަތްތެރިވަން." ޝަހީމް ވިދާޅުވިއެވެ.

މި ފަހުން އެކްސްގައި މަލީހުއާއި ޝަހީމުގެ ބަހުގެ ހަމަލާތަކެއް ފެށިފައިވާއިރު، ރޭ ދަންވަރު ކުރެއްވި ޕޯސްޓެއްގައި މަލީހު ވަނީ އިސްލާމިކް މިނިސްޓްރީއަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން