ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ޑައުންލޯޑްކުރާ މީހުންގެ މައުލޫމާތު ބޭރުގެ އެޖެންސީއަކުން ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން ދެ މައްސަލައެއްގެ ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ފުލުހުންގެ ކްރައިމް އެގެއިންސްޑް ޗިލްޑްރަން ޑިޕާޓްމެންޓް އެކްޓިންގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ސޮއްފަތު ރައޫފް ވިދާޅުވީ، ކުޑަކުދިންގެ ބަރަހަނާ މަންޒަރުރައް ހިމެނޭ ފޮޓޯ، ވީޑިއޯ ސޯޝަލްމީޑިޔާއިން ޑައުންލޯޑްކުރާ މީހުންގެ މައުލޫމާތު، އެފަދަ ކަންކަން މޮނިޓާކޮށް ބަލަހައްޓާ ބޭރުގެ ލޯ އެންފޯސްމެންޓް އޭޖެންސީތަކުން ދިވެހި ފުލުހުންގެ ހިދުމަތާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

އަދި އޭގެ ތެރެއިން ދެ މައްސަލައެއްގެ ތަހުގީގު ފަށާފައިވާ ކަމަށް ސޮއްފަތު ވިދާޅުވިއެވެ.

އެ ދެ މައްސަލައިގެ އިތުރު ތަފްސީލު ނުދެއްވި ނަމަވެސް ސޮއްފަތު ވިދާޅުވީ، އޭގެ ތެރެއިން އެއް މައްސަލަ ތަހުގީގު ނިންމާ، ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ދެވަނަ މައްސަލައިގެ ތަހުގީގު ކުރިއަށް ދާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތައް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަން ފާހަގަ ކުރައްވައި ސޮއްފަތު ވިދާޅުވީ، އެފަދަ މައްސަލަތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ ކެޕޭސިޓީ އިތުރުކުރުމަށްތަކައި ފުލުހުންގެ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައި ވާނެ ކަމަށެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ވަރަށް ހައްސާސީ މައްސަލަތަކަކަށް ވާތީ، އެފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ހިއްސާ ކުރުމަށް ސޮއްފަތު ވަނީ އިލްތިމާސް ކޮށްފައެވެ.

އޭގެ އިތުރުން ސޮއްފަތު ވަނީ ސޯޝަލް މީޑިޔާއިން ބަރަހަނާ މަންޒަރުތައް ނަގައި، އެފަދަ މަންޒަރުތައް ބޭނުންކޮށްގެން މީހުން ބްލެކްމެއިލް ކުރާ މައްސަލަތައް އިތުރުވަމުން އަންނަކަން ފާހަގަ ކުރައްވާފައެވެ.

"މިހާރަކަށް އަހިސް އޮރިޔާން މަންޒަރުތައް ދައްކުވައިދޭ ފޮޓޯ، ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލްގެ މައްސަލަތައް އިތުރުވަމުންދާ ކަމަށް އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ. މިގޮތުން ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކުންނާ އަދި ރައްޓެހިވެގެން ގުޅިގެން އުޅޭއިރުގައި މި ނަގާފަ ހުންނަ ފޮޓޯ، ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ، ވީޑީއޯ ބޭނުންކޮށްގެން ބްލެކްމެއިން ކުރުމުގެ ކަންތައްތަކެއް ހިނގާ އެބަ." ސޮއްފަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސޯޝަލް މީޑީއާ އެޕްތަކުން ދިމާވާ ފަރާތްތަކާއެކު ވީޑިއޯ ކޯލް ކޮށްގެން އެކަކު އަނެކަކަށް ބަރަހަނާ ހާލުގައި ކުރާ ކަންކަމުގެ ސަބަބުން ފަހުން ބްލެކްމެއިލް ކުރުމުގެ މައްސަލަތައް ފުލުހަށް ހުށަހަޅާ ކަމަށެވެ.

އަދި ސޯޝަލް މީޑިޔާއިން ދިމާވެ، ބައްދަލުވުމަށް ގެސްޓްހައުސްއަށް ދިއުމުން ގަދަކަމުން ރޭޕްކޮށް ވީޑިއޯކޮށް، އޮރިޔާން މަންޒަރުތައް ދައްކުވައިދޭ މަންޒަރުތައް ނަގާ، އެކި ފަރާތްތަކަށް ބްލެކްމެއިލް ކުރުން އިތުރުވަމުން ދާކަމަށް ސޮއްފަތު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން