ބަދުއަހުލާގީ ކަންކަމަށް ހިތްވަރުދީ ހިންގި ޓެލެގްރާމް ޗެނަލްގައި 7000 މީހުން ތިބި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ސައިބަރ ޕޮލިސިން ސެންޓަރުގައި ތަހުގީގު ދާއިރާގައި މަސައްކަތް ކުރައްވާ އިންވެސްޓިގޭޝަން އޮފިސަރ އިންސްޕެކްޓަރ އޮފް ޕޮލިސް އައިމިނަތު މުހައްމަދު ވިދާޅުވީ، "ޖަޒީރާ އެޑްމިން، ޖަޒީރާ ގާލްސް، ޖަޒީރާ އެސްކޯޓް ގެލެރީ، ޖަޒީރާ ސްކޭމް ގާލް އަދި ޖަޒީރާ ލިންކް ހަބަރު" ގެ ނަމުގައި 2023 އޭޕްރީލް މަހުން ފެށިގެން ހިންގަމުން ގެންދިޔަ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލައިގައި ހަތަރު ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ތަހުގީގުކޮށް އެ ޗެނަލްތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މާރޗް 6 ވަނަ ދުވަހު ދެމީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ބުނީ އެއީ 28 އަހަރުގެ ފިރިހެނަކާ 39 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ.

"މި މައްސަލައިގައި މި މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ، މަނީ ލޯންޑްރިންނާ، ޑްރަގް ޓްރެފިކިންއާ، ހަށި ވިއްކުމާ، ހަށިވިއްކުމަށް ހިތްވަރު ދިނުމާ، އޮރިޔާން ކާޑު އުފެއްދުމާ، އޮރިޔާން ކާޑު ބެހުމާ، ފޯޖް ޑޮކިއުމެންޓްތައް ތައްޔާރު ކުރުމާ، އަދި މީގެ އިތުރުންވެސް އެކި އެކި ހޮސްޕިޓަލްތަކުގެ ނަމުގައި އެމްސީ ހައްދަދިނުމުގެ މައްސަލަތައް." އައިމިނަތު ވިދާޅުވިއެވެ.

މި މައްސަލައިގައި ހިމެނޭ މީހުންގެ ފައިނޭންޝަލް ޓްރާންސެކްޝަން ތަކަށް ބަލާއިރު، އާމްދަނީ ހޯދުމަށް އެމީހުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި، ނަމަވެސް އެމީހުންގެ އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާގެ ޓްރާންސެކްޝަންތައް ހިންގާފައިވާ ކަމަށް އައިމިނަތު ވިދާޅުވިއެވެ.

މީގެ އިތުރުން އައިމިނަތު ވިދާޅުވީ، މި މައްސަލައިގައި ހިމެނޭ އެކަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮންނަ ފަރާތެއް ކަމަށެވެ.

މި ޗެނަލުން ހިދުމަށް ހޯދުމަށް ގިނަ ފަރާތްތަކުން މެސެޖް ކޮށްފައިވާކަން އައިމިނަތު ފާހަގަ ކުރެއްވިއެވެ. އެގޮތުން، މިއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މި ބާވަތުގެ މައްސަލަތައް ހިންގި ޗެނަލް ކަމަށް އައިމިނަތު ވިދާޅުވިއެވެ.

ޗެނަލްގައި ދިވެހިންނާއި ބިދޭސީން ހިމެނޭ ކަމަށާއި، ހަށި ވިއްކުމަށްޓަކައި ހާއްސަކޮށް ޓެކްސީއެއް ބޭނުން ކޮށްފައިވާ ކަމަށް އައިމިނަތު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން