މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ހިންގުން ވެމްކޯއާ ހަވާލުކޮށްފިއެވެ.

މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގައި މިއަދު ބޭއްވި ހަފްލާއެއްގައި އެސްޓޭޝަންގެ ހިންގުން ވެމްކޯއާ ޙަވާލުކޮށްދެއްވީ މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ. އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ ބޭނުން ރަސްމީކޮށް ކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤް ވިދާޅުވީ މި ފެސިލިޓީ އަކީ މާލެއަށް ދިމާވެފައިވާ ކުނި މެނޭޖްކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ ފުރިހަމަ ފެސިލިޓީއެއް ކަމަށެވެ. އަދި 'ހަފްތާ-14' މަގުޗާޓުގައި ހިމެނޭ 'މަގޭ ސާފު ރާއްޖެ' ޕްރޮޤްރާމްގެ ދަށުން މުޅި ރާއްޖޭގައި މިފަދަ އިތުރު ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އޭޑީބީ އާއި ދިވެހި ސަރުކާރުން 184 މިލިއަން ރުފިޔާ ޚަރަދުކޮށްގެން މާލޭގައި ޤާއިމުކޮށްފައިވާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަކީ، ޒަމާނުއްސުރެ މާލޭގައި ކުނި މެނޭޖުކުރުމަށާއި، އެކުނި ތިލަފުއްޓަށް އުފުލުމަށް ހުރި ދަތިތަކަށް އެކަށީގެންވާ ހައްލެއް ގެނައުމުގެ މަޤުޞަދުގައި ޒަމާނީ ވަޞީލަތްތަކާއިއެކު ބިނާކޮށްފައިވާ 65ހާސް އަކަފޫޓުގެ ޖާގަ ތަނަވަސް މަރުކަޒެކެވެ. އަދި މިމަރުކަޒު ފަރުމާކޮށްފައި ވަނީ، ތިމާވެއްޓާއި ރައްޓެހި އަދި ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ.

މިސެންޓަރުން ތިލަފުއްޓަށް ކުނިއުފުލާނީ ކޮންޓޭނަރުތަކުގައި ކުނި ބަންދުކޮށްގެންނެވެ. މީގެ އިތުރުން މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގައި ހިމެނޭ އިދާރީ މަސައްކަތްތައް ހިންގާ ޢިމާރާތަކީ، ކާރިސީ އަދި މޫސުމީ ހީރާސްތަކުން ރައްކާތެރިކަން ހޯދޭނޭ ގޮތަށް ފަރުމާކޮށްފައިވާ ޢިމާރާތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން