އިބްރާހިމް ފަހީމް   17 މާރިޗު 2024 - 21:14
ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ރައީސަކަށް ޙުސައިން ސިރާޖް އިންތިހާބުކޮށްފިއެވެ.

ބާ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ބޭފުޅަކު ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި ސިރާޖާއި ވާދަކުރެއްވީ މުޙައްމަދު ފައިޞަލްއެވެ.

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ 991 ގާނޫނީ ވަކީލުން ތިބިއިރު އޭގެތެރެއިން 396 ވަކީލުން ވޯޓުލި މި އިންތިހާބުގައި، ސިރާޖަށް ލިބިފައިވަނީ 224 ވޯޓެވެ. އަދި މުޙައްމަދު ފައިޞަލްއަށް ލިބިފައިވަނީ 172 ވޯޓެވެ.

މީގެ އިތުރުން މިއަދުވަނީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރުކަމަށް ވެސް ބޭފުޅަކު އިންތިހާބުކޮށްފައެވެ. އެގްޒެކެޓިވް ކޮމެޓީގެ މެންބަރުކަމަށް ކުރިމަތިލާފައިވަނީ އެންމެ ބޭފުޅެކެވެ. އެ މަގާމަށް ކުރިމަތިލެއްވި އަޙްމަދު ޝިފާއު ހޮވުނީ ފެންނަނުފެންނަ ވޯޓެއްނަގައި، 248 ވަކީލުންގެ ވޯޓާއިއެކުއެވެ. އެ މަގާމަށް އޭނާ ގެންނަން ނުފެންނަކަމަށް 88 ވަކީލަކު ވޯޓު ދިނެވެ.

މި އިންތިހާބު ކުރިއަށް ގެންގޮސްފައިވަނީ "ފަހިވޯޓު" މެދުވެރިކޮށް އޮންލައިންކޮށެވެ.

ބާ ކައުންސިލްގެ ރައީސްގެ މަގާމަށް ބޭފުޅަކު ހޮވާފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި އިސްމާޢީލް ވިޝާމް މި އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައި އަވަހާރަވުމާއި ގުޅިގެނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން