ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްވުމާއި ގުޅިގެން، އިންތިހާބުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވާ މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތި ލުމުގެ އިތުރު ފުރުސަތެއް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އެ ކޮމިޝަނުން މިއަދު ބުނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޭޕްރީލް 21 އަށް ބަދަލުވެފައިވާތީ އިންތިހާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ރަޖިސްޓްރީވުމަށާއި އަދި ކެންޑިޑޭޓުންގެ މަންދޫބުން އައްޔަނު ކުރުމަށް ވެސް އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން، މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހާއި ހަމައަށް އެ ފުރުސަތު ހުޅުވާލާނެކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މަޖިލިސް އިންތިހާބު ކުރިން ބޭއްވުމަށް ހަމަޖެހިފައި އޮތީ މި ރަމަޟާން މަހުގެ ތެރޭގައެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުން އެ އިންތިހާބު ރަމަޟާން މަހުގެ ތެރޭގައި ނުބޭއްވޭނެކަމަށް ނިންމާ ބިލެއް ފާސްކުރުމުން އަދި އެ ބިލު ރައީސް ތަސްދީގު ކުރެއްވުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުންވަނީ އިންތިހާބު އޮންނަ ދުވަސް އޭޕްރީލް 21 އަށް ފަސްކޮށްފައެވެ.

އެ ބަދަލާއި ގުޅިގެން ބޮޑެތި ހަރަދުތަކެއް ދައުލަތުގެ ބަޖެޓުން ހޭދަވާނެކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. މަޖިލިސް އިންތިހާބު ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ އާދިއްތަ ދުވަހެއްގައެވެ. ނަމަވެސް އެދުވަސް ސަރުކާރުު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށް ރައީސް މިހާރުވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން