ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިންގެ ތެރެއިން އިތުރު ބެޗެއްގެ ބަޔަކު އަންނަ މަހުގެ 10 ގެ ކުރިން ގެންދަން އިންޑިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގައި ތިބޭ އިންޑިއާގެ އަސްކަރިއްޔާގެ މީހުން އަނބުރާ ގެންދިއުމާއި އަދި ދެ ގައުމުގެ ގުޅުމާ ގުޅޭ އިތުރު ކަންކަމަށް މަޝްވަރާ ކުރަން އުފައްދާފައިވާ ހައި ލެވެލް ކޯ ގުރޫޕުގެ ތިން ވަނަ ބައްދަލުވުން ރާއްޖޭގައި މިއަދު ވަނީ ބާއްވާފައެވެ.

އެކަމާ ގުޅިގެން ފޮރިން މިިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާރު ބާކީ ދެ ޕްލެޓްފޯމުގައި ތިބި ސިފައިން ދެ ތާރީހެއްގައި ގެންދަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ބެޗު އަންނަ އޭޕްރީލް 10 ގެ ކުރިން އަދި އަނެއް ބެޗުގެ ސިފައިން މޭ 10 ގެ ކުރިން ގެންދާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ އޭވިއޭޝަން ޕްލެޓްފޯމްތަކުގައި ތިބި އިންޑިއާގެ ސިފައިންގެ ބަދަލުގައި ސިވިލް މީހުން ގެނައުމުގެ މަސައްކަތުގައި ކުރިއެރުން ހޯދަމުން އަންނަކަން ދެ ގައުމު ވެސް ފާހަގަކުރާ ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި ހިންގާ އިގްތިސާދީ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، ރާއްޖޭގައި މިހާރު ހިންގަމުން އަންނަ މަޝްރޫއުތައް އަވަސް ކުރުމަށް ވެސް މިއަދު މަޝްވަރާ ކޮށްފައިވާ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ދެ ގައުމުގެ މަތީ ފެންވަރުގެ ބޭފުޅުންގެ ހަތަރު ވަނަ ބައްދަލުވުން އިންޑިއާގެ ދިއްލީގައި ބާއްވަން ވަނީ އެއްބަސްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން