ރާއްޖެއަށް އަސްކަރީ ޑްރޯން ގަތުމުގައި ސިއްސައިގެންދާ ވަރުގެ ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފިއެވެ.

އެމްޑީޕީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ މަޖިލިސް ކެމްޕޭނުގެ ތަރުޖަމާނު، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވީ މި ސަރުކާރުން ގަނެފައިވަނީ ދެ ޑްރޯން ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ޑްރޯން އަކީ ތުރުކީން ހިލޭ ދިން އެއްޗެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު މި ސަރުކާރުން ދެ ޑްރޯން ގަތުމަށް 39 މިލިއަން ޑޮލަރު ހަރަދުކުރި ގޮތެއް އެނގެން ނެތް ކަމަށް އީސަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ މިފަދަ ހަރަދުތަކުގެ ތަފްސީލުތައް ރައްޔިތުންނަށް އެނގި ސާފުވާންޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް މި މައުލޫމާތުތައް ސަރުކާރުން ސިއްރު ކުރަމުންދާ ކަމަށާއި އެ ހަ ހަރަދު ކޮށްފައިވަނީ ކޮންޓިންޖެންސީ ބަޖެޓުން ކަމަށްވާއިރު ރައްޔިތުންގެ އަސާސީ ހައްގުތަކާ ގުޅުން ހުރި ގިނަ މަޝްރޫއުތަކެއް ހުއްޓާލާފައިވާ ކަމަށް އީސަ ވިދާޅުވިއެވެ. އީސަ ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާ ހަރަދުކުރުމުގައި އިސްކަން ދޭން ވާނީ ރައްޔިތުންގެ އަސާސީ ހައްގުތައް ފުރިހަމަކޮށްދިނުމަށް ކަމަށެވެ.

މީގެ އިތުރުން އީސަ ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރަން ކުރާ މަސައްކަތަށް އެމްޑީޕީން އިންކާރު ނުކުރާ ކަމަށާއި އެކަމަކީ ހުރިހާ ސަރުކާރަކުން ވެސް ކެރި ކުޅަދާނަކަން ހުރި މިންވަރަކުން ކުރަމުން ގޮސްފައިވާ ކަމެއް ކަމަށެވެ.

އީސަ ވަނީ މި މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީން ބަލައި މި މުއާމަލާތުގެ ތެރެއިން ދައުލަތަށް ގެއްލިފައި ވަނީ ރައްޔިތުންގެ ޓެކްސް ފައިސާ އިން ކިތައް މިލިއަން ޑޮލަރުތޯ ބަލައި އެކަން ހާމަކޮށްދިނުމަށް ވެސް ގޮވާލައްވާފަ އެވެ. އަދި އެ މަސައްކަތް އެމްޑީޕީން ކުރާނެ ކަމުގެ ޔަގީންކަން ވެސް އީސަ ވަނީ ދެެއްވާފައެެވެ.

އެމްއެންޑީއެފުގެ ގާބިލުކަން އިތުރުކޮށް ރާއްޖޭގެ ސަރަހައްދު ރާއްޖޭގެ ދިފާއީބާރުން އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލުކަން ހޯދުމަށް ތުރުކީ ވިލާތުން ދެޑްރޯން ގެނައި މައްސަލައިގައި އެމްޑީޕީން ދަނީ އެކި ކަހަލަ ތުހުމަތުތައް ކޮށް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. މިހާރުގެ ސަރުކާރުން ބުނާ ގޮތުގައި އިދިކޮޅު އެމްޑީޕީގެ ހުރިހާވެސް ކަންބޮޑުވުމަކީ އެމްޑީޕީގެ ސަރުކާރުގައި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމާއި ތަރައްގީގެ މަޝްރޫޢުތައް ހިންގުމާއި އަދިވެސް އެފަދަ ހައްސާސް ކަންކަމުގައި ގެންގުޅުނު އިންޑިއާއަށް ބަރޯސާވުމުގެ ސިޔާސަތަށް މިސަރުކާރުން އަމަލު ނުކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން