ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ބާއްވަންޖެހޭ ގޮތަށް ހެދުމަށް މިއަދު މަޖިލީހަށް ހުށަހެޅި ނަމަވެސް މަޖިލީހަށް ހާޒިރުވި މެމްބަރުންގެ އަދަދު މަދުކަމުން ވޯޓަށް އެހޭ ގޮތެއް ނުވިއެވެ.

ގަވައިދުން ހަފުތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާ ބާއްވަން އޮންނަ ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ކެމްޕޭން ކުރުމަށް މެމްބަރުން ރަށްރަށަށް ވަޑައިގަންނަވަން ޖެހޭތީވެ ގަވާއިދުން ޖަލްސާ ނުބާއްވާތާ ދުވަސްތަކެއް ވަނީ ވެފައެވެ.

އެ މައްސަލައިގައި ދަ ޑިމޮކްރެޓްސް ޕާޓީން ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު އެ ޕާޓީއަށް ނިސްބަތްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އެ މައްސަަލަ މިއަދު ވަނީ މަޖިިލީހަށް ވައްދައިފަ އެވެ.

ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު ވިދާޅުވީ މިހާރު އޮންނަ ގަވާއިދުގެ ދަށުން ނޫން ގޮތަކަށް މަޖިލީހުގެ ޖަލްސާތައް ބާއްވަން ނިންމުމެއް ނިންމާފައި ނެތް ކަމަށެވެ. ހަމަ އެހެންމެ ދިވެހިންގެ މަސްލަހަތާ ގުޅުން ހުރި އަދި ގާނޫނުއަސާސީން މަޖިލީހަށް މަތިކޮށްފައިވާ ދުސްތޫރީ ޒިންމާތަކާ ގުޅުން ހުރި އެތައް މަސައްކަތްތަކެއް މިހާރު ވެސް ކުރަން ހުރި އިރު މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ހުއްޓާލާފައި އޮތުމަކީ ދައުލަތާއި ރައްޔިތުންގެ މަސްލަހަތަށް ނުހަނު ބޮޑު ގެއްލުން ވާނެ ކަމެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުން ނިންމާފައި އޮތް ގަވައިދާ އެއްގޮތަށް މަޖިލިސް ކުރިއަށް ގެންދަން އޭނާ ހުށަހެޅުއްވި އެވެ.

އެހެން ނަމަވެސް އެ މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން ވޯޓަށް އެހިއިރު މަޖިލީހުގައި ތިއްބެވީ އެންމެ 11 މެމްބަރުން ނެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ވޯޓު ނަގާއިރު މަދުވެގެން 22 މެމްބަރުން ތިބެން ޖެހޭނެ އެވެ.

އެހެންވެ އެ މައްސަލައިގެ ވޯޓު ފަހުން ކުރިއަށް ގެންދަން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ނާއިބު ރައީސް އަހުމަދު ސަލީމް ނިންމެވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން