ގދ. ތިނަދޫ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދެވޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނެސްފިއެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ހުށަހެޅުއްވި އިސްލާހުގައިވަނީ، ރަށަކަށް ސިޓީއެއްގެ ދަރަޖަ ދީފިނަމަ އެ ރަށެއްގެ ކައުންސިލް، ސިޓީ ކައުންސިލަކަށް ބަދަލުކުރުމާއިއެކު ސިޓީއެއްގެ ދަރަޖަ ލިބޭ ރަށުގެ ކައުންސިލް ރައީސާއި ނައިބު ރައީސްގެ މަގާމު، މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ މަގާމަށް ބަދަލުވާނެކަމަށެވެ. އަދި ރަށު ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުވި ނަމަވެސް، އެ ކައުންސިލް ދެމި އޮންނާނީ ރަށު ކައުންސިލްގެ ދައުރު ހަމަވަންދެންކަމުގައި މި އިސްލާހުގައި ބުނެފައިވެ އެވެ.

މީގެއިތުރުން އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި އެ ގޮތަށް ސިޓީއެއް އުފައްދާނަމަ އެ ދާއިރާއެއްގެ އަތޮޅު ކައުންސިލް އުވިގެންދާނެ ކަމަށާއި އެ ހިސާބުން އަތޮޅު ކައުންސިލްގެ ހުރިހާ މަސްއޫލިއްޔަތެއް ސިޓީ ކައުންސިލަށް ބަދަލުވާނެކަމަށް އެ އިސްލާހުގައިވެއެވެ.

ހިސާން މި އިސްލާހު ހުށަހަޅުއްވާފައިވަނީ، މިދިޔަ އަހަރު ރިޔާސީ އިންތިހާބުގެ ދުވަސްވަރު ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިންނަމަވެސް، އެރަށު ކައުންސިލް ސިޓީ ކައުންސިލެއްގެ ގޮތުގައި ކަނޑަނޭޅުމާ ގުޅިގެންނެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިސާން ހުށަހެޅުއްވި އިސްލާހު ފާސްވީ 42 މެންބަރުންގެ ވޯޓާއެކުއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު، ރައީސް ޑރ މުޙައްމަދު މުޢިއްޒުވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ދުވަސްކޮޅެއްފަހުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ކެމްޕޭން ޖަލްސާއެއްގައި އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދެއްވައިފިކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން