ހުޅުމާލެ ދެވަނަ ފިޔަވަހިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކޮށްފައިވާ ބައެއް ގެތައް ހުރީ މަގުތަކަށް ވެސް އަރާ ގޮތަށް ކަމަށާ އެކަމުގެ ސަބަބުން ގޯތި ދޫކުރުމަށް ދަތިތަކެއް އެބަހުރި ކަމަށް އެޗްޑީސީން ބުނެފި އެވެ.

އެޗްޑީސީން މިއަދު އާންމުކުރި ވީޑިއޯއެއްގައި އެ ކުންފުނީގެ ޕަބްލިކް ރިލޭޝަން އެސިސްޓެންޓް މެނޭޖަރު މުހައްމަދު ސިރާޖު ވިދާޅުވީ ހުޅުމާލެ 2 އިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކޮށްފައިވާ ބައެއް ގެތައް ހުރީ މަގުތަކަށް ވެސް އަރާ ގޮތަށް ކަމަށާއި އެ ގޯތިތައް ދޫކުރެވޭނީ އެ މަގުތަކާއި ގޯޅިތައް އަލުން ތަރުތީބުކޮށްގެން ކަމަށެވެ. އޭނާ ވިދާޅުވީ ގޯތި ލިބުނު މީހުންނަށް އެ ތަންތަން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަަމަށެވެ. އެގޮތުން ބައެއް ގޯތިތަކުގެ އިން ފާރު ރޭނުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ސިރާޖް ވިދާޅުވިއެވެ.



ހުޅުމާލެ 2 އިން ދޫކޮށްފައިވާ ބައެއް ގޯތިތައް ހަވާލު ކުރުމަށް ދަތިތަކެއް ހުރިކަން ފާހަގަކުރަށްވަމުން ސިރާޖު ވިދާޅުވިގޮތުގައި ބިންވެރިޔާ ސްކީމްގެ ދަށުން ކަނޑައަޅާފައިވާ ބައެއް ގޯތިތައް ކަނޑާފައި ހުރީ މަގުތައް ހުރަސްކޮށް ކަމަށެވެ. އަދި އެ މަގުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ވިޔުގަ ވެސް އޮންނާނެ ކަމަށް ސިރާޖް ވިދާޅުވި އެވެ.

ސިރާޖް ވިދާޅުވީ ހުޅުމާލެއިން ބައެއް ގޯތިތައް މަގުތަކަށް އަރާ ގޮތަށް ދޫކޮށްފައި ހުރިއިރު އެ ތަންތަނުގައި އަޅާފައިވާ ކަރަށްޓާއި ފާޚާނާއާއި ފެނުގެ ނިޒާމު އަލުން ރީލޮކޭޓް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ރީލޮކޭޓް ކުރުމުގެ މަސައްކަތް ސެޓެލްކޯ އާއި އެމްޑަބްލިއުއެސްސީއާ ވާހަކަ ދައްކައިގެން ކުރަމުންދާ ކަމަށް ސިރާޖް ވިދާޅުވިއެެވެ.

"މި ސަރަހައްދުގެ މަގުތަކާއި ގޯޅިތައް ވަކި ހަމައަކުން ތަރުތީބު ކޮށްގެން ނޫނީ މި ސަރަހައްދުގެ ގޯތިތައް ކަނޑައަޅާ ގޯތިތައް ދޫކުރެވޭނެ ގޮތެއް ނޯންނާނެ،" ސިރާޖު ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވީ ބައެއް ގޯތިތައް ދޫކޮށްފައި ހުރީ ބޮޑެތި ހިލަ އަދި ވެލި ފުނިތައް ޖަހާފައި އަދި ކޮންސްޓްރަކްޝަން ސާމާނު ޖަމާކޮށްފައި ހުރި ސަރަހައްދަކުން ކަމަށާއި އެ ތަންތަން ވެސް ސާފުކޮށްގެން ނޫނީ އެ ގޯތިތައް ނުދެވޭނެ ކަމަށެވެ. ސިރާޖް ވަނީ މައްސަލަތައް ހައްލުކޮށް ހުޅުމާލެ އިން ގޯތި ދޫކޮށްފައިވާ ފަރާތްތަކަށް ގޯތި ދޫކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

"ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 އާއި އަލަށް ހިއްކާ ހުޅުމާލެ ތިނެއް އަދި ގުޅިފަޅުންނާއި ގިރާވަރުފަޅުން ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުން 9،000 ގޯތި ދޭން ވަނީ ނިންމާފައެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަށް ގޯތި ލިބުނުކަމުގެ ލިޔުން ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން