މޯލްޑިވްސް ޒަކާތު ހައުސްއިން ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް ހަތް ލައްކަ ރުފިޔާ އެހީގެ ގޮތުގައި ދީފި އެވެ.

ޒަކާތު ހައުސްއިން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުގައި ބުނެފައިވާ ގޮތުގައި މިހާތަނަށް ބޭސް ފަރުވާއަށް އެހީގެ ގޮތުގައި 829،948.10 ރުފިހާ ހަމަޖެހިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 740،805.79 ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި އެފައިސާ ހޭދަކުރީ 69 މީހަކަށް ކަމަށް އެ ހިސާބުތަކުން ދައްކައެވެ.

އެހީގެ ގޮތުގައި މައިގަނޑު ގޮތެއްގައި ދީފައި ވަނީ ހަތަރު ބާވަތެއްގެ ބައްޔަކަށެވެ. އެއީ ކެންސަރާއި ހިތުގެ އޮޕަރޭޝަނަށާއި ޓްރާންސްޕްލާންޓްގެ އިތުރުން ސިކުނޑީގެ އޮޕަރޭޝަންތަކަށެވެ.

އެގޮތުން އެންމެ ގިނައިން އެހީ ދޫކޮށްފައި ވަނީ ކެންސަރުގެ ބައްޔަށެވެ. އެއީ 245,948.50 ރުފިޔާ އެވެ.

ހާއްސަ ހާލަތެއް މެދުވެރިވެގެން ހާލުގައި ޖެހޭ ފަރާތްތަކަށް ވެސް އެހީގެ ގޮތުގައި 12750 ރުފިޔާ ހަރަދުކޮށްފައި ވެއެވެ.

ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް ސަރުކާރުން އުފެއްދީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

މިއީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި އުފެއްދި އިދާރާ އެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން