ފާތިމަތު ނަޒީފާ އަޙްމަދު   19 މާރިޗު 2024 - 12:7
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުމުގެ މަސައްކަތާ ގުޅިގެން، އަންނަ މަހުގެ 21 ވާ އާދީއްތަ ދުވަހާއި، 22 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

އޭޕްރީލް 21 ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވީ، އެ ދުވަހަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ބާއްވާ ދުވަސް ކަމަށް ވުމާއެކު، އިންތިޚާބާގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި، އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީ، ވޯޓުލުން ބާއްވާ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިފައި ވާތީ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.



އަދި ޖެހިގެން އަންނަ 22 އެޕްރީލް ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، އިންތިޚާބުގެ ވޯޓުލުމަށް ފަހުގައި، ވޯޓު ގުނުމާއި ނަތީޖާ އިޢުލާނު ކުރުމާއި، އަދި އެ ނޫންވެސް އިންތިޚާބާ ގުޅުންހުރި މުހިންމު ގިނަ މަސައްކަތްތަކެއް އެ ދުވަހުވެސް ކުރިއަށްދާނެތީ، އިލެކްޝަންސް ކޮމިޝަނުން އެ ދުވަސްވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އެދިފައި ވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ އޭޕްރީލް މަހުގެ 21 ވަނަ ދުވަަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ރ. ދުވާފަރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަޖިލީސް އިންތިހާބު ބާއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދޭން އީސީން، ރައީސް އޮފީހަށް ސިޓީ އެއް ފޮނުވާފައިވާ ކަމަށެވެ.

އެހެންކަމުން އިންތިޚާބު ބާއްވާ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދޭނެ ކަމަށް އީސީއަށް އަންގަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާފައި އޮންނާނީ ތިބޭފުޅުން ނިންމާ އިއުލާންކޮށްފައޭ ތިއޮތީ. އެހެންވީމަ އަޅުގަނޑު އެ ދުވަސް ބަންދުކުރާނަމޭ." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން