ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންތަކަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، 13 މާރޗް 2024 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް މީހަކު އައްޔަނުކުރުމަށް، ހުށަހެޅިފައިވާ ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ އިގުތިސާދީ ކޮމެޓީއަށް ހުށައަޅާފައިވާކަމަށެވެ.

އެހެންކަމުން އެމަގާމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ދެ ބޭފުޅުންނާމެދު ޝަކުވާއެއްވާނަމަ އެކަމެއް ހުށަހެޅުމަށް އާންމު ރައްޔިތުންނަށް ހުޅުވާލެވިފައިވާކަމަށް މަޖިލީހުގެ އިދާރާއިންވަނީ ބުނެފައެވެ.

އެ މަގާމަށް އައްޔަނުކުރުމަށް ރައީސް ފޮނުއްވާފައިވާ ދެ ނަމަކީ، ގއ. ވިލިނގިލި ވައިޖެހޭގެ، ޔަޛީދު މުޙައްމަދު އަދި ހުޅުމާލެ ފުލެޓް ނަންބަރު ސީ 1- 3 ބީ ޙަސަން ޒަރީރެވެ.

އެ ދެފަރާތާއިމެދު ޝަކުވާއެއްވާނަމަ މިމަހުގެ 25 ވަނަ ދުވަހުގެ 11:00 ގެ ކުރިން މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް މަޖިލީހުން އެދިފައިވެއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް މީހަކު އައްޔަނުކުރުމުގެ މަސައްކަތް ކުރަން ފަށާފައިމިވަނީ، އެ މަގާމުގައި ކުރިން ހުންނެވި ފަތުހުﷲ ޖަމީލް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން