ނެޓްވޯކްތަކަށް ގެއްލުން ނުވާނެހެން ހުޅުމާލޭގައި ކެމްޕޭން ބެނާ ހަރުކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ.

އެ ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖޭގައި ބާއްވާ އާއްމު އިންތިހާބުތަކާ ގުޅިގެން، ކެމްޕޭން ބެނާއާއި ކެންވަސް ފަދަ ތަކެތި ހަރުކުރުމަށް ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަކަމާއެކު ފުރުސަތު ދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.

އެގޮތުން މަޖިލިސް އިންތިހާބާ ގުޅިގެން ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އެކި ހިސާބުތަކުގައި ހަރުކުރަމުންދާ ކެމްޕޭން ބެނާއާއި ކެންވަސްތައް ހަރުކުރުމުގައި، އާއްމުންނަށް ހިދުމަތް ދޭން އަޅާފައިވާ ނެޓްވޯކް ތަކަށް ގެއްލުން ނުދިނުމަށް އެޗްޑީސީން އެދިފައި ވެއެވެ.

"އެއީ، ޕޯސްޓަރ ތަކާއި ބެނާތައް ހަރުކުރެވޭ ސަރަހައްދުގެ ގޮތުން، ކަރަންޓު ކޭބަލްއާއި ފެނާއި ނަރުދަމާގެ ނިޒާމަށް ގެއްލުމެއް ތިބި، ހިދުމަތް މެދުކެނޑޭ ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ރައްޔިތުންނަށް މީގެ ސަބަބުން ގިނަ އުނދަގޫތަކަކާއި ކުރިމަތިލާން ޖެހިދާނެތީ." އެޗްޑީސީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި، ކުރިއަށް އޮތް ތަނުގައިވެސް ކެންވަސްއާއި ބެނާ ހަރުކުރުމުގައި އިތުރަށް ސަމާލުވެ، އެ ކޯޕަރޭޝަންގެ ހުއްދައާއި ލަފަޔާއި އިރުޝާދުގެ މަތިން އެފަދަ ކަންކަން ކުރުމަށް އެދިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން