ސްޓެލްކޯގެ ބިއުރޯގެ ސަރވިސް ސްޕަވައިޒަރގެ މަގާމުގައި ހުރި މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް މަގާމުން ވަކިކުރުމާއި ގުޅިގެން އެ ވަޒީފާ އަލުން އިއާދަކޮށްދިނުން އެދި އާދޭހުގެ ސިޓީއެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ފޮނުވައިފިއެވެ.

އެ ސިޓީ ތޮއްޔިބު މިރޭ ވަނީ ފޭސްބުކްގައި އާންމުކޮށްފައެވެ. އޭނާ ބުނެފައިވަނީ، އޭނާއަށް އެ މަގާމު ދިނީ މި އަހަރުގެ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން މަގާމުގެ މަސްއޫލިއްޔަތު އަދާކުރަމުން ދަނިކޮށް ކުއްލިގޮތަކަށް އޭނާ މަގާމުން ވަކިކޮށްފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ.

އެކަމާގުޅިގެން ރައީސަށް އެޑްރެސްކޮށް އޭނާ ލިޔުނު ސިޓީގައި ބުނެފައިވަނީ، ސްޓެލްކޯގެ ވަޒީފާ އަދާކުރުމަށް ނިކުތީ ލަޔާގަތާއި ގާބިލުކަން ތަންދިން އެންމެމަތީ މިންވަރަކަށް ހިދުމަތް ކުރުމުގެ ހެޔޮ ނިޔަތާއި އަޒުމާއެކު ކަމަށެވެ.

ނަމަވެސް އޭގެ 1 މަހާއި 4 ދުވަސްފަހުން، މާރޗް 3 ވަނަ ދުވަހު އެ މަގާމުން އޭނާ ވަކިކޮށްފައިވާކަމުގެ ޗިޓު ލިބިފައިވާކަމަށް ވަނީ ބުނެފައެވެ.

ސިޓީގައި ތޮއްޔިބުވަނީ، އޭނާ ހުރި މަގާމު އަލުން އިއާދަކޮށްދިނުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި އެދިފައެވެ.

އެމްޑީޕީގެ ދެ ސަރުކާރުގައިވެސް ސިޔާސީ މަގާމުތައް ފުރާފައިވާ ތޮއްޔިބު ނިމިދިޔަ ސަރުކާރުގައި ހުރީ ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައެވެ. ސްޓެލްކޯގެ މަގާމަކަށް އޭނާ ހަމަޖެއްސި ފަހުންވެސް އޭނާ ވަނީ މިސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ އެކްސްގައި އެޚިޔާލުތައް ހިއްސާ ކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކުންފުނިތަކާއި ސަރުކާރުގެ އިދާރާތަކަށް ވެސް މުވައްޒަފުން ނެގުމަށްފަހު ފުރަތަމަ ހިނގާ 3 މަސްދުވަހުގެ މުއްދަތަކީ ޕްރޮބޭޝަންގެ މުއްދަތެވެ. އެ މުއްދަތުގައި މުވައްޒަފު މަގާމަށް އެކަށީގެން ނުވާކަމަށް މެނޭޖުމަންޓަށް ފާހަގަ ކުރެވިއްޖެނަމަ އިތުރަށް ވަޒީފާގައި ނުބަހައްޓައި ވަޒީފާއިން ވަކިކުރުމުގެ ބާރު ގާނޫނުތަކުން ވަޒީފާދޭ ފަރާތަށް ލިބިދީފައި އޮވެއެވެ.

ބެލެވޭގޮތުގައި ތޮއްޔިބު ސިޓީ މީސް މީޑިއާގައި ހިއްސާކުރީ އޭނާ ބޭނުންވި ކަންކަން ހާސިލު ނުވުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން