ހއ. އިހަވަންދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކަރަންޓީނުން ފިލައިފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އިހަވަންދޫ ކައުންސިލުން ބުނީ އެމީހާ ފިލީ މިއަދު ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ރަށު ކައުންސިލް، ފުލުހުން އަދި ކޮވިޑް ޓާސްކްފޯހުން ކުރަމުން އަންނަ ކަމަށެވެ. ފިލައިގެން އުޅެނީ މާލެއިން އެރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެއް ކަމަށް ކައުންސިލުން ބުނެ އެވެ. ފިލައިގެން އުޅޭ މީހާ ފިޔަވައި އެގޭގައި އިތުރު މީހަކު ކަރަންޓީނުގައި ނެތްކަމަށް އިހަވަންދޫ ކައުންސިލުން މައުލޫމާތުދެ އެވެ.

ކަރަންޓީނުން، ފިލައިގެން އުޅެނީ ހއ.އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާއުގެ ކޮއްކޮ ކަމަށް "ރަސް އޮންލައިން" އަށް އެނގިފައިވެއެވެ.

އިހަވަންދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ފިލާފައިވާއިރު އެޗްޕީއޭ އިން ވަނީ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެއީ އެރަށުން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. މީގެ ތެރޭގައި ހިމެނެނީ "ތަހުތު" ނަމަކަށް ކިޔާ ބޯޓެއްގައި މަސައްކަތް ކުރާ މީހަކާއި، އެރަށު "242" ބޯޓުގެ މީހެކެވެ.

މީގެ ކުރިން އެރަށުގެ 242 ބޯޓުން މީހަކު ވަނީ ކޮވިޑް ރޯގާއަށް ޕޮޒިޓިވްވެފައެވެ. މިހާރު އެރަށުން ތިން މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން