ކުރިއަށް އޮތް ހަތަރު މަސް ތެރޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ އަދަދު ލައްކައަކަށް އަރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ މަސައްކަތްތެރިންގެ އަދަދާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.

ޝިފާއުގެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު އިހުސާން ވިދާޅުވީ 17 ޑިސެމްބަރުގެ ނިޔަލަށް ރާއްޖޭގައި މަސައްކަތް ކުރާ ބަންގުލަދޭޝްގެ މަސައްކަތްތެރިންގެ އަދަދަކީ 90624 ކަމަށެވެ.

އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން 17 ޑިސެމްބަރުގެ ނިޔަލަށް ވޯކް ޕާމިޓާއި ވިސާ ކެންސަލްކޮށް އަދި އަމިއްލައަށް ފުރައިގެން ދިޔަ ބަންގުލަދޭޝްގެ މަސައްކަތްތެރިންގެ އަދަދު 206 އަށް އަރާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިތުރު ސުވާލު ކުރުމުގެ ފުރުސަތުގެ ތެރެއިން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ މިހާރު ރާއްޖޭގައި މަސައްކަތް ކުރާ ބަންގުލަދޭޝްގެ މަސައްކަތްތެރިންގެ ރޭޓް އިތުރުވާ މިންވަރުން ލައްކައަކަށް އަރާނީ ކިހާ ދުވަހަކުންތޯ ސުވާލު ކުރައްވައިފަ އެވެ.

"މިހާރުގެ ޜޭޓުން ކަމަށް ވެއްޖިއްޔާ ކުރިއަށް އޮތް ހަތަރު މަސް ދުވަސް ނިމެންވާ އިރަށް އަޅުގަނޑުމެންނަށް މި އަދަަދަށް އާދެވޭނެ ކަމަށް މި ބަލަނީ." މިނިސްޓަރު ވިދާޅުވި އެވެ.

އެއަދަދަށް ބަންގުލަދޭޝްގެ މީހުން އިތުރުވުން މަދުކުރުމުގެ ގޮތުން ގަވައިދާ ހިލާފަށް އުޅޭ ބަންގުލަދޭޝް މީހުން ހޯދައި ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން