ރާއްޖޭގައި ފިތުރު އީދު ނަމާދާއި އަޟްހާ އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތަކީ ހެނދުނު 07:00 ކަމަށް އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅައިފިއެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ފިތުރު ޢީދާ އަޟްހާ ޢީދުގެ ޖަމާއަތް ފަށާ ގަޑި އަކަށް ހަމަޖައްސާފައިވަނީ ހެނދުނު 07:30 ގައެެވެ.

އެ ނިންމުން ބަދަލުކުރިކަން ހާމަކުރަށްވައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ރާއްޖޭގައި ޒަމާނުއްސުރެ އީދު ނަމާދު ކުރަމުން އައިސްފައިވަނީ ހެނދުނު 07:30 ގައި މިސްކިތްތަކުގައި ކަމުގައިވިޔަސް، އެވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަށް ވެފައި، މިހާރަކަށް އައިސް ރާއްޖޭގައި މައިދާންތަކާއި ހުސްބިންތަކުގައި އީދު ނަމާދު ކުރަމުން ގެންދާތީއާއި، ޢީދު ނަމާދުގެ ޖަމާއަތަށް ހާޒިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ވެސް ހިމެނޭތީއާއި، ހޫނުގަދަވުމުގެ ސަބަބުން ތަކުލީފުތަކެއް އުފުލަންޖެހޭތީއާއި، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވާގޮތުން ވެސް އެކަލޭގެފާނު އީދު ނަމާދު ކުރައްވާފައިވަނީ އިރުގެ ހޫނުކަން ގަދަވުމުގެ ކުރިން ޟުޙާ ވަގުތުގައިކަން ފެންނަން އޮންނަ ކަމަށެވެ.

އެހެންކަމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެކަލޭގެފާނުގެ އަސްހާބު ބޭކަލުންގެ ޢަމަލުފުޅުގައިވާ ގޮތަށް ތަބައަވުމަކީ މޮޅު އިތުރުގޮތް ކަމަށްވާތީއާއި، އާންމު މަސްލަހަތަށް ރިއާޔަތްކުރުމަށް ޝަރުއުގައި ކަނޑައަޅުއްވާފައިވާ ގަވާއިދުތަކަށް ރިއާޔަތްކޮށް، މި އަހަރުން ފެށިގެން ރާއްޖޭގައި ފިޠުރު ޢީދު ނަމާދާއި އަޟްޙާ ޢީދު ނަމާދުގެ ޖަމާޢަތް ފަށާ ވަގުތަކީ ހެނދުނު 07:00 ކަމަށް ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. އެގޮތުން އީދު ނަމާދުގެ ޖަމާޢަތް ފަށާ ވަގުތު އަވަސްކުރުމަށް ނިންމާފައިވަނީ ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ ޢިލްމުވެރިންނާއި، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ޤާއިމުކުރެވިފައިވާ ފަލަކީ ހިސާބުތަކާބެހޭ ކޮމެޓީއާއި މަޝްވަރާކުރުމަށް ފަހުކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް މީގެ ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގައި އީދު ނަމާދުގެ ޖަމާއަތް ފަށާ ގަޑި އަވަސް ކުރުމަށް ގިނަ ދީނީ އިލްމްވެެރިންނާއި ފަލަކީ ކޮމެޓީގެ ތާއިދު ވެސް އެބައޮތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން