މި ދުވަސްވަރު ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އިލްތިމާސް ކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، މިދުވަސްވަރަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރުކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ. އަދި ރޯދަ މަހަކީ، ކަރަންޓުގެ ބޭނުންކުރާ މިންވަރު އެހެން މަސްމަހަށްވުރެ އިތުރުވާ މަހެއް ކަމަށްވާތީ މިދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ފަހުމީ އެދިވަޑައިގެންނެވިއެވެ.

"މިކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އެވްރެޖް މަހެއްގައި ގްރޭޓާމާލެ ސަރަޙައްދުގައި 94 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުން ކުރާ އިރު، މި ދުވަސްވަރު 104.7 މެގަވޮޓާއި ހަމައަށް ދަނީ ކަރަންޓު ބޭނުން ކުރަމުން." ފަހުމީ ވިދާޅުވިއެވެ.



އެހެންކަމުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ވީހާވެސް ކުޑަ ކުރުމަށް، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށާއި، މި ދުވަސްވަރު ކަރަންޓު އިޤުތިޞާދު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފަހުމީ ވަނީ އިލްތިމާސް ކުރަށްވާފައެވެ.

މެޓް އޮފީހުން މީގެ ކުރިން ބުނެފައި ވަނީ، މާޗް އަދި އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ކަމަށެވެ. އަދި ވިލާ މަދުވުމާއި ވައި މަޑުވުމުގެ އިތުރުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހުސާސް ކުރެވޭ ހޫނުމިން މަތިވާ ކަަމަށް އެ އޮފީހުން ބުނެފައިވެއެވެ.

އޭގެ އިތުރުން މި އަހަރަކީވެސް އެލްނީނޯ އަހަރެއްކަމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތްކަން ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާއިން ލަފާކުރާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

"ދުވަހުގެ ހޫނުމިން އާއްމުގޮތެއްގައި އެންމެ މައްޗަށް ދާނީ މެންދުރުފަހު 14:00 ހާއިރު" މެޓުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން