ރައީސް މުޢިއްޒުގެ ސަރުކާރުގައި ބޮޑުވެގެންދިޔައީ މުވައްޒަފުންގެ ހަރަދު ކަމަށާއި ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހޭދަ ވީ މަދު ކަމަށް ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް ވިދާޅުވެެއްޖެއެވެ.

ޕީއެންއެފްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމިން ވިދާޅުވީ މި ސަރުކާރުގައި މުވައްޒަފުންނަށް ކުރާ ހޭދަ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު މުވައްޒަފުންގެ މުސާރަ އާއި އިނާޔަތަށް ކުރި ހަރަދު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރި މިންވަރަށް ވުރެ 300 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް ޔާމިން ވިދާޅުވިއެވެ.

"މާނައަކީ ކޮންމެ މަހަކު 150 މިލއަިން ހަމައެކަނި މުވައްޒަފުންގެ ހަރަދާއި އިނާޔާތްތަކަށް ހަރަދު ވެއްޖޭ މި ސަރުކާރުން،" ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ޔާމިން ވިދާޅުވީ މި ސަރުކާރުގައި ބޮޑުވީ މުވައްޒަފުންގެ ހަރަދު ކަމަށާއި މަދުވެގެން ދިޔައީ ތަރައްގީގެ މަޝްރޫއުތަކުގެ ހޭދަ ކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުން މަޝްރޫއުތަކަށް ފުރަތަމަ ދެ މަހު 2.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ޔާމިން ވިދާޅުވިއެވެ. އެހެން ނަމަވެސް މި ސަރުކާރުން މި ވޭތުވެދިޔަ ދެ މަހު ހޭދަކޮށްފައި ވަނީ އެންމެ ބިލިއަނެއްހާ ރުފިޔާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"މި ސަރުކާރަށް ކުރެވިފައި އޮތީ އެންމެ އެއްހާސް މިލިއަން (އެއް ބިލިއަން)، އެންމެ އެއްހާސް މިލިއަން. އެއީ ތަންތަނުގައި މަޝްރޫއު ނުހިނގައިގެން އުޅޭ ސަބަބަކީ،" ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމިން މިހެން ވިދާޅުވެފައިވާއިރު ރޭ ބޭއްވި މަޖިލިސް ކެމްޕެއިން ޖަލްސާއެއްގައި ކުރީގެ ރައީސް ސޯލިހް ވިދާޅުވެފައިވަނީ މި ސަރުކާރުން މިހާތަނަށް 1500 އަށް ވުރެ ގިނަ ސިޔާސީ މަގާމު އުފައްދާފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިސަރުކާރުން ބުނަނީ ރައީސް ސޯލިހު ވެރިކަން ހިންގެވީ ފައިސާ ޗާޕުކޮށްގެން ކަމަށާއި އަދި ގިނަ މަޝްރޫޢުތަކުގެ ބިންގާ އަޅަނީ ނުވަތަ ފަށާފައި ހުރީ މަޝްރޫއު ހިންގާނެ ފައިސާ ނުހޯދައި ކަމަށެވެ. ގިނަ މަޝްރޫޢުތައް ފަށާފައި ހުރީ ވެސް އިންތިހާބު ތަކުގެ ކެމްޕޭނަށް ކަމަށް މިސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


7

އަލިފު ޙާ!

23-Mar-2024

މުޢިއްޒުގެ ސަރުކާރު އެ އުޅެނީ އަދި ނުފެށިގެންނެވެ. ރައްޔިތުން މުޢިއްޒުއަށް ވެރިކަން ދިންނަމަވެސް އިދިކީލި ފަރާތްތަކާއި މަޖިލީހުން އެ އުޅެނީ އެކަން ހަޖަމު ނުވެގެންނެވެ. ދެން ކަލެއަށް ބަލާއިރު ކަލޭގެ ވެރިކަމުގެ ދައުރުގެ ފަސްއަހަރު ނިންމައި ލެވުނީ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަނަ ނުދީ މަޖިލީސް ހުއްޓުވައި، އަރަ އަޅުވައި ބާއްވައިގެނެވެ. އެހެންވީމާ ފާޑުކިޔަން އަނގަ ހުޅުވަންވާނީ އެކަމަށް ޤާބިލު މީހުންނެވެ. ޔާމީނަކީ އެކަމަށް އެކަށީގެންވާ މީހެއްނޫނެވެ. އެންމެ ބޮޑު ސަބަބަކީ ބޮޑާކަމެވެ. ކިބުރުވެރިކަމެވެ. ތަކަށްބުރުކަމެވެ. ކަލޭ ރަނގަޅުވާނީ މިދައުރުވެސް ނިމެންދެން ޖަލުގައި މަޑުކޮށްލެއްވިއްޔާއެވެ. ޝުކުރިއްޔާ!



ޓްރެންޑިން