ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ގެނެސްފައިވާ ޑްރޯންތަކުގެ ތަފްސީލު ހާމަ ނުކުރަނީ އަސްކަރިއްޔާގެ އިސްވެރިން އެގޮތަށް ލަފާދީފައި ވާތީ ކަމަށް ރައީސުލްޖުމްހޫއިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި މިވަނީ، ޑްރޯންތައް ގަތުމުގައު ރިޝްވަތު ހިމެނޭ ކަމަށް އިދިކޮޅުން ތުހުމަތު ކޮށްފައި ވަނިކޮށެވެ.

ޑްރޯން ގަތުމުގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް އެމްޑީޕީގެ މަޖިލިސް ކެމްޕޭނުގެ ތަރުޖަމާނު، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެފައި ވެއެވެ.

މި ސަރުކާރުން ގަނެފައިވަނީ ދެ ޑްރޯން ކަމަށާއި އަދި އޭގެ ތެރެއިން އެއް ޑްރޯން އަކީ ތުރުކީން ހިލޭ ދިން އެއްޗެއް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާއިރު މި ސަރުކާރުން ދެ ޑްރޯން ގަތުމަށް 39 މިލިއަން ޑޮލަރު ހަރަދުކުރި ގޮތެއް އެނގެން ނެތް ކަމަށް އީސަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ މިފަދަ ހަރަދުތަކުގެ ތަފްސީލުތައް ރައްޔިތުންނަށް އެނގި ސާފުވާންޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް މި މައުލޫމާތުތައް ސަރުކާރުން ސިއްރު ކުރަމުންދާ ކަމަށާއި އެ ހަރަދު ކޮށްފައިވަނީ ކޮންޓިންޖެންސީ ބަޖެޓުން ކަމަށްވާއިރު ރައްޔިތުންގެ އަސާސީ ހައްގުތަކާ ގުޅުން ހުރި ގިނަ މަޝްރޫއުތަކެއް ހުއްޓާލާފައިވާ ކަމަށް އީސަ ވިދާޅުވިއެވެ. އީސަ ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާ ހަރަދުކުރުމުގައި އިސްކަން ދޭން ވާނީ ރައްޔިތުންގެ އަސާސީ ހައްގުތައް ފުރިހަމަކޮށްދިނުމަށް ކަމަށެވެ.

އެމްޑީޕީގެ ތުހުމަތަށް ރައްދު ދެއްވަމުން، އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ޑްރޯންތަކުގެ ހުރިހާ ތަފްސީލެއް ހާމަ ނުކުރަނީ، އެއީ އަސްކަރީ ސަލާމަތަށް ހުރި ނުރައްކަލަކަށް ވާތީ ކަމަށެވެ. އަދި އެ މައުލޫމާތު އާއްމު ނުކުރުމަށް އަސްކަރިއްޔާގެ އިސްވެރިން ލަފާދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެއްވެސް ގައުމެއްގެ މިލިޓަރީ އާލަތްތަކުގެ އަދަދާއި ތަފްސީލު އާއްމު ނުކުރާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ޑްރޯންތައް ގަތުމުގައި ބޮޑު ޑިސްކައުންޓެއް ލިބުނުކަން ހާމަ ކުރީވެސް، އެތަކެތި ގެނައީ ބޮޑު އަގުގައި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާތީ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން