ދަރިވަރުންނާ ގުޅޭ ނިންމުންތަކުގައި އެޑިއުކޭޝަން މިނިސްޓްރީން ޒިންމާދާރުވުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އިސްމާއީލް ޝަފީއު ދެއްކެވި ބައެއް ވާހަކަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެ ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނީ، ކުއްލިއަކަށް ދަރިވަރުންގެ އިމްތިހާނުތައް ބާއްވާ ތާރީޚަށް ކުރިން އެންގުމަކާނުލާ ގެނެވުނު ބަދަލުގެ ސަބަބުން ދަރިވަރުންނަށް ލިބުނީ ކުއްލި ޝޮކެއް ކަމަށެވެ. އަދި މިނިސްޓްރީގެ ރޭވުންތެރިކަމެއް ނެތުމުން ކުރަން މަޖުބޫރުވީ ކަންތައް އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ ބޮލުގައި އެޅުވީ ކަމަށާއި އެއީ މިނިސްޓްރީގެ ވެރިންގެ ނާގާބިލުކަން ފޮރުވަން ހެއްދެވި އިތުރުފުޅެއް ކަމަށް އެޕާޓީން ބުނެފައި ވެއެވެ.

އެހެންކަމުން އެމްޑީޕީން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

އެމްޑީޕީއިން ބުނީ، އަވަސްއަރުވާލައިގެން ވައުދެއް ފުއްދުމުގެ ބޭނުމުގައި ދިރާސީ ކަލަންޑަރަށް ގެނައި ބަދަލާ ގުޅިގެން އައި ޕްރެޝަރު ކުޑަކުރުމަށްޓަކައި މަޖިލިސް މެމްބަރުންގެ ބޮލުގައި އެކަން އެޅުވުމަށްފަހު ދަރިވަރުންގެ އިމްތިހާނު އަވަސްކޮށް އިތުރު ޕްރެޝަރަށް ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން ވައްޓާލުމުގެ ސަބަބުން އަގު ނުކުރެވޭނެ ފަދަ ގެއްލުންތައް ތަޢުލީމީ ނިޒާމަށް ކުރަމުންދާ ކަމަށެވެ.

"މި ދިޔަ އަހަރުން ފެށިގެންވެސް އެމްޑީޕީގެ މަޖިލިސް މެމްބަރުން ދިޔައީ ރޯދަމަސް ނޫން ދުވަސްވަރެއްގައި މަޖިލިސް އިންތިހާބު ބޭއްވުމުގެ ވާހަކަ ދައްކަމުން. މި ސަރުކާރުން ދިރާސީ ކަލަންޑަރަށް ބަދަލު ގެނައީވެސް އެވާހަކަ ދައްކަމުން ދަނިކޮށް. މަޖިލިސް އިންތިހާބުގެ ތާރީހަށް ގެނެވުނު ބަދަލާ ދިރާސީ ކަލަންޑަރަށް ގެނެވުނު ބަދަލާ އެއްވެސް ގުޅުމެއް ނުފެނޭ. މިހާތަނަށްވެސް ކޮންމެ 5 އަހަރަކުން އެއް ފަހަރު ރައްޔިތުން މަޖިލީހުގެ އިންތިހާބުތައް ދިޔައީ ބާއްވަމުން. މީގެ ކުރިން ދަރިވަރުންނަށް މިފަދަ ގެއްލުމެއް ދީފައެއް ނުވޭ." އެމްޑީޕީއިން ބުންޏެވެ.

އޭގެ އިތުރުން އެމްޑީޕީއިން ބުނީ، ދަރިވަރުން ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި ތިބެ އުނގެނުމަށް މަގުފަހި ކުރުމަށް ސްކޫލު މެދުވެރިކޮށް ހިންގާ އިތުރު ހަރަކާތްތައް، މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކަމަށް ބުނެ ހުއްޓާލައި، ދިރާސީ އަހަރު ކުރުގަޅުވާލައި، ހަފްތާ ބަންދެއް ރޭނގަޑެއް ރަސްމީ ބަންދެއް ބެލުމެއްނެތި މުދައްރިސުން ތާ އަބަދު މަސައްކަތުގައި ތިބުމަށް މަޖުބޫރު ކުރުވާފައިވާ ކަމަށެވެ.

އޭގެ ސަބަބުން ޓީޗަރުން ނަފްސާނީވެ އާއިލީ ގުޅުންތައް ހީނަރުވަމުންދާ ކަމުގެ ޝަކުވާތައް ޓީޗަރުން ކުރަމުންދާ ކަމަށް އެމްޑީޕީއިން ބުންޏެވެ.

ޓީޗަރުންނާ ދޭތެރޭ ވިސްނާ ބައެއް ނަމަ މިފަދަ ބޮޑު ބުރައެއް ޓީޗަރުންނަށް ނުޖައްސާނެ ކަމަށް އެމްޑީޕީއިން ތުހުމަތު ކުރެއެވެ. އަދި އިތުރު ހަރަކާތްތައް ހުއްޓާލާފައިވެސް ވަނީ ދިރާސީ އަހަރު ކުރުގަޅުވާލުމުގެ ސަބަބުން މަންހަޖުގެ ބައިތައް ނިންމުމަށް އިތުރު ވަގުތު ހޭދަކުރަން ޖެހޭތީ އެބައިތައް ސްކޫލުތަކުގައި ކުރެވެން ނެތުމުންކަން އެންމެނަށްވެސް އެނގޭ ކަމަށް އެމްޑީޕީއިން ބުންޏެވެ.

"އެއްވެސް މަޝްވަރާއެއް ރޭވުމެއް ނެތި ދަރިވަރުންނަށް ކުރާނެ އަސަރަށް ނުބަލާ މިހެން ނިންމާ ނިންމުން ތަކުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ދަރިވަރުންނަށް ކުރާނެކަމީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދަރިވަރުންނާ ގުޅޭ ނިންމުންތައް ނިންމުމުގައި ޒިންމާދާރުވުމަށް މި ޕާރޓީގެ ފަރާތުން ގޮވާލަން." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ކުރިން އޮތް ތާރީހަށްވުރެ ލަސްކުރީ އެމްޑީޕީން ބޭނުންވެގެން އެޕާޓީގެ މެޖޯރިޓީން އެގޮތަށް ފާސްކޮށްގެންނެވެ. ނަމަވެސް އިންތިހާބު ފަސްކޮށްފިނަމަ އެފަދަ ބޮޑެތި މައްސަލަތަައް ދިމާވާނެ ކަމާއި ޚަރަދުތައް ދެގުނަ ބޮޑުވެގެން ދާނެކަމަށް އިލެކްޝަން ކޮމިޝަނާއި ސަރުކާރުން އައީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން