ކޯވިޑް-19އަށް ޓެސްޓް ކުރަން ސާމްޕަލް ނަގަނީ
ކޯވިޑް-19އަށް ޓެސްޓް ކުރަން ސާމްޕަލް ނަގަނީ
ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 200 ވަރަކަށް މީހުން ކަރަންޓީނު ފެސިލިޓީތަކަށް ނުގެންދެވި އެބަތިބި ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އެޗްއީއޯސީ ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ހޯމަ ދުވަހުގެ ހަވީރު ހައެއް ޖެހުމާއި ހަމަޔަށް ފެސިލިޓީތަކަށް ނުގެންދެވި 200 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ.

ކޯވިޑް-19 ގެ ހާލަތު ރާއްޖޭގައި ގޯސްވަމުން އަންނައިރު ޕޮޒިޓިވް ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ހަތަރު ހާސް މީހުން އެބަތިބި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ފުރަބަންދަށް ދީފައިވާ ލުއިތަކަށް ބަދަލުގެނައުމާއި މެދު އަދި އިތުރު ފިޔަވަޅުތައް އެޅުމާއިމެދު މިހާރުވެސް މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ. އަދި ވަރަށް އަވަހަށް އިތުރު ފިޔަވަޅު ތަކެއް އަޅައި އެކަން ހާމަކުރާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މާސްކް ނާޅައިގެން މިއަދު އެކަނިވެސް 272 މީހަކަށް ފުލުހުން ނަސޭހަތް ދީފައިވާ ކަމަށެވެ. އަދި 52 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. މާސްކް ނާޅާ އުޅެގެން ޖޫރިމަނާ ކުރަނީ 1000 ރުފިޔާއިންނެވެ.

ނަޒްލާ ވިދާޅުވީ މާސްކް އެޅުމަށް މަޖުބޫރު ކުރި ފަހުން 645 ފަރާތަކަށް ނަސޭހަތް ދީ 73 ފަރާތެއް މާސްކާ ނާޅާ އުޅުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 200 އެއްހާ މީހުން ކަރަންޓީނު ފެސިލިޓީ ތަކަށް ނުގެންދެވި އެބަތިބި ކަމަށް ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް ވިދާޅުވެފައިވާއިރު ބައްޔަށް ޕޮޒިޓިވްވާ ބައެއް މީހުން ގޭގައި ދުވަސްތަކެއް ވަންދެން މަޑުކުރަން ޖެހުމުން އާއްމުންގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ.

މިއަދު 129 މީހުން އަލަށް ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މިއަދު ޕޮޒިޓިވްވި129 މީހުންގެ ތެރޭގައި ހިމެނެނީ93 ދިވެއްސަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ23 މީހަކާއި އިންޑިއާއަށް ނިސްބަތްވާ އަށް މީހަކާއި ސްރީ ލަންކާއަށް ނިސްބަތްވާ ހަތަރު މީހެއްގެ އިތުރުން އިންޑޮނޭޝިޔާއަށް ނިސްބަތްވާ މީހެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން