ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިއެއް (ކ)
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިއެއް (ކ)
ފަތުރުވެރިކަމަށް މި އަހަރަށް ކަނޑައެޅި ލަނޑުދަނޑީގެ 25 އިންސައްތަ ހާސިލުވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ހީކުރި ވަރަށްވުރެ އަވަހަށް ފަތުރުވެރިކަމުގައި ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލު ވަމުންދާ ކަމަށެވެ. އެގޮތުން މި އަހަރު ފަތުރުވެރިން ގެންނަން އަމާޒު ހިފި އަދަދުގެ ހަތަރުބައިކުޅަ އެއްބައި ހާސިލު ވެއްޖެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން މިހާތަނަށް ބައި މިލިއަން ފަތުރުވެރިން ރާއްޖެ އަހިސްފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިިއެވެ.



މި އަހަރުގެ މިހާތަނަށް މުޅި ޖުމްލަ 506015 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 445،625 ފަތުރުވެރިންނާއި އަޅާ ބަލާއިރު 13.6 އިންސައްތަ އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހޯމަ ދުވަހުގެ ނިޔަލަށް 96238 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިދިޔަ މަހުވެސް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 217000 އަށް ވުރެ މައްޗަށް އަރައިފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،015 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ފަތުރުވެރިން ހޭދަަކުރެއެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާއެވެ. ދެވަނައިގައި ރަޝިއާ އޮތްއިރު، ތިން ވަނައިގައި އޮތީ އިޓަލީއެވެ. ސަރުކާރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން މި އަހަރު ރާއްޖެ ގެނައުމެވެ.

މޯލްޑިވްސް އިމިގްރޭޝަނުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 1878543 ފަތުރުވެރިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން