ރާއްޖޭގެ ކޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުތަކުން ގާއިމުކޮށްނުދޭތީ އެކަމުގެ ކަންބޮޑުވުން ސުޕްރީމް ކޯޓުން ފާޅުކޮށްފިއެވެ.

ރާއްޖޭގެ އެންމެމަތީ ކޯޓުން މި ކަންބޮޑުވުން ފާޅުކޮށްފައިވަނީ އެ ކޯޓުން ކުރި ހުކުމެއްގައެވެ.

ސުޕްރީމް ކޯޓުން އެފަދައިން ބުނެފައިވަނީ ރާއްޖެ އެތެރެކުރި 72 ކިލޯ ޑްރަގް މައްސަލާގައި ތުހުމަތުވާ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށްފަހު ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން އެ ކޯޓުން އިއްވި ހުކުމުގެ ބަޔާނުގެ ތެރޭގައެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިއްތިފާގުން އިއްވި ހުކުމްގައި ބުނެފައިވަނީ، ޝަރީއަތް ނިމެންދެން އެކި މީހުން ބަންދުގައި ގިނަ ދުވަސްތަކެއް ވަންދެން ބައިތިއްބަންޖެހޭ މައްސަލަ ހައްލުކުރެވޭނީ ކޯޓުތަކަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ލިބިގެން ކަމަށެވެ.

އަދި އެކަން ދައުލަތުގެ އިދާރާތަކުން ކޯޓުތަކަށް ފުރިހަމަ ނުކޮށްދީ، ޝަރީއަތް ނިމެންދެން ގިނަ ބަޔަކު ބަންދުގައި ބައިތިއްބަންޖެހޭ މައްސަލައަށް ހައްލެއް ލިބޭނެކަމަށް ދެކުމަކީ، ކަނޑުގައި ރޮނގެއް އެޅުން ނުވަތަ ބިމުގައި ހުރެގެން ހަނދުގައި އަތްލާން އުޅުން ފަދަ ކަމެއް ކަމަށް ހުކުމްގައި ވެއެވެ.

ހުކުމްގައި އިތުރަށް ބުނެފައިވަނީ، މައްސަލަތައް ނުނިމި ލަސްވުމަކީ ނުވަތަ ސިއްހީ ސަބަބެއް މެދުވެރިވުމަކީ ބަންދުގައި ތިބެންޖެހޭ މީހުން ބަންދުން ދޫކުރެވޭނެ ސަބަބެއް ނޫންކަމަށެވެ. އެހެންކަމުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ ބަންދު ކޮންމެ މަހަކު އެއްފަހަރު ރިވިއު ކުރުމާ ބެހޭގޮތުން ހަރުކަށި އުސޫލުތަކެއް އެ ހުކުމްގައި ސުޕްރީމްކޯޓުން ވަނީ އިއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން