ރާއްޖޭގެ ކޯޓުތަކުގައި ހުންނަ މައްސަލަތައް ލަސްވަނީ ކޯޓުތަކުގެ ވަސީލަތްތައް މަދުވުމުންކަމަށް ދޭހަވާގޮތަށް ސުޕްރީމް ކޯޓުން އިއްވި ހުކުމެއްގައި ބުނުމުން އެކަމަށް، ރައީސް ޔާމީންގެ ވަކީލް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކޯޓުތަކުގައި ހުންނަ މައްސަލަތައް ނިމުން ލަސްވުމާއިއެކު އެކި ކުށްތަކުގައި ބަބްދުކޮށްފައި ތިބޭ މީހުން ބަންދުން ދޫނުވެ ދިގު މުއްދަތެއް ހޭދަވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ކޯޓުތަކުގައި އެކަށީގެންވާ ޖާގައާއި ވަސީލަތްތައް ނެތުންކަމަށް އިއްްޔެ ސުޕްރީމް ކޯޓުން އިއްވި ހުކުމެއްގައި ވަނީ ބުނެފައެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިއްތިފާގުން އިއްވި ހުކުމްގައި ބުނެފައިވަނީ، ޝަރީއަތް ނިމެންދެން އެކި މީހުން ބަންދުގައި ގިނަ ދުވަސްތަކެއް ވަންދެން ބައިތިއްބަންޖެހޭ މައްސަލަ ހައްލުކުރެވޭނީ ކޯޓުތަކަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ލިބިގެން ކަމަށެވެ.

އަދި އެކަން ދައުލަތުގެ އިދާރާތަކުން ކޯޓުތަކަށް ފުރިހަމަ ނުކޮށްދީ، ޝަރީއަތް ނިމެންދެން ގިނަ ބަޔަކު ބަންދުގައި ބައިތިއްބަންޖެހޭ މައްސަލައަށް ހައްލެއް ލިބޭނެކަމަށް ދެކުމަކީ، ކަނޑުގައި ރޮނގެއް އެޅުން ނުވަތަ ބިމުގައި ހުރެގެން ހަނދުގައި އަތްލާން އުޅުން ފަދަ ކަމެއް ކަމަށް ހުކުމްގައި ވެއެވެ.

އެއާއި ގުޅިގެން ޖަމީލްވަނީ ސުވާލުތަކެއް އުފައްދަވާފައެވެ. އެގޮތުން ޖަމީލް ވަނީ، ޔާމީންގެ މައްޗަށް ހުކުމް ޖަަހަންވީމަ ވ. އާރަށުގެ މައްސަލަ ރޮކެޓް ސްޕީޑުގައި ކުރިއަށް ގެންދެވުނީ ވަސީލަތް ގިނަވެގެންތޯ ސުވާލު އުފައްދަވާފައެވެ.

ހަމަ އެގޮތަށް އެ މައްސަލައިގެ އިސްތިއުނާފު ފިނިހަކަ ސްޕީޑްގައި ‘ޓަކަޓަކަ’ އަޅުވަނީ ވަސީލަތް މަދުވެގެންތޯ ވެސް ޖަމީލް ވަނީ ސުވާލު އުފައްދަވާފައެވެ.

ޖަމީލް ވިދާޅުވީ، ޖުޑީޝަރީއަކީ މައުސޫމް ވަކިފަރާތަކަށް ނުޖެހޭ އަދި ނުފޫޒުން މިނިވަންބައެއްކަން ދައްކަން އުޅުމަކީ ބިންމަތީގައި ތިބެގެން ހަނދަށް ‘ކުޅުޖަހަން އުޅުން’ ކަހަލަ ކަމެއް ކަމަށެވެ. އަދި މިހާރު މުޅި މުޖުތަމައުގެ އިތުބާރު ޖުޑީޝަރީއަށް ވަނީ ގެއްލިފައިކަމަށާ މިއަދު އެއީ ހަގީގަތްކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

​އަދި ޝަރުއީ ދާއިރާއިން ނުކުރަންވީ ކަމަކީ ސިޔާސީވުމާއި ވެރިންގެ ރުހުން ހޯދަން އުޅުންކަމަށް ޖަމީލު ވިދާޅުވި އެވެ. އަދި ކުނިވެ ފުޅައަޅާފައިވާ މަސްގަނޑެއްފަދައިން މުޅި މާހައުލު ތަޣައްޔަރުކުރާ ސިޔާސީ ހަތިޔާރަކަށް ނުވާންވީ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން