މިއަންނަމަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ސަރުކާރު ފަޅީގެ ކެންޑިޑޭޓުންނަކީ ކޮބައިކަން ވަކިކުރަން އުނދަގޫކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ފާޑުވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބުގައި މަކުނުދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ މުޙައްމަދު ރާއީއަށް ތާއީދު ހޯދުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ސަރުކާރު ކެންޑިޑޭޓުންނާއި ސަރުކާރުން ތާއީދު ނުކުރާ ކެންޑިޑޭޓުންނާއި އަދި ސަރުކާރު ހިންގާ ޕާޓީ ކެންޑިޑޭޓުން މި އިންތިހާބުގައި ވާދަކުރަން ނުކުމެ ތިބިކަމަށެވެ.

އަދި ޕީއެންސީގެ ޕްރައިމަރީން ބަލިވި ބައެއް މީހުން އަމިއްލަގޮތުން ވާދަކުރާއިރު އެމީހުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ޕީއެންސީގެ ލީޑަރޝިޕްގެ ތާއީދު ކުރައްވާ މައްސަލައަށް އަލިއަޅުވާލަމުން ވިދާޅުވީ، ސަރުކާރު ކެންޑިޑޭޓަކީ ކޮބައިކަން ވަކިކުރަން އާންމު ރައްޔިތުންނަށް އުނދަގޫކަމަށެވެ.

ޝާހިދު ވިދާޅުވީ، މި އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާމެދު އެއްވެސް އޮޅުމެއް ނޯންނާނެކަމަށެވެ. އެގޮތުން އެ ޕާޓީގެ ކެންޑިޑޭޓުންނަކީ ޕާޓީގެ ޕްރައިމަރީ ކާމިޔާބުކުރި މީހުންނާއި ޕްރައިމަރީއަކާނުލާ ޓިކެޓް ލިބުނު މީހުންކަމަށާއި އެ ނޫންބަޔަކު އެމްޑީޕީގެ ނަމުގައި އެމްޑީޕީގެ ތާއީދާއެކު ކުރިމަތިލައިގެން ނޫޅޭނެކަމަށެވެ.

ޝާހިދު މިހެން ވިދާޅުވިއިރު، ސަރުކާރުން ދަނީ ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކުރި ކެންޑިޑޭޓުން ތިއްބާ ޕްރައިމަރީން ކާމިޔާބުނުވި ބައެއް ކެންޑިޑޭޓުންނަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ. ސަރުކާރުގެ އިސް ފަރާތްތަކުން އެކަން ފާޅުގައި ބުނަމުންދިޔަނަމަވެސް، ޕްރައިމަރީ ކާމިޔާބުކުރި ކެންޑިޑޭޓުންނަށް ތާއީދު ނުކުރާން ޕީއެންސީގެ ލީޑަރުން ނިންމާ ސަބަބެއް މިހާތަނަށް ބުނެދީފައި ނުވާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން