މަތީ މަރުޙަލާގެ ކޯޓުތަކުން ކުޑަކުދިންނަށް ގޯނާ ކުރުމުގެ މައްސަލަތަކުގައި ނިންމަވަނީ ހަރުދަނާ ނިންމުންތަކެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިއަދު ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ހުކުމް ތަންފީޒުކުރާ މީހުންނާއި ތަހުގީގު މަރުހަލާގައި ތިބި މީހުންނަށް ލުއިދީ، އަދި މާފުދީފައިވާ މައްސަލަތައް އިސްތިއުނާފް ކުރުމުން މަތީ ކޯޓުތަކުން އަވަސް، އަދި ހަރުދަނާ ނިންމުންތަކެއް ނިންމަމުން ގެންދަވާ ކަމަށެވެ.

“މިކަންކަމުގައި މަތީ މަރްޙަލާގެ ކޯޓުތަކުން އަވަސް އަދި ހަރުދަނާ ނިންމުންތަކެއް ނިންމަމުން އެބަ ގެންދަވާ.” ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ޝަމީމް މިމޭރުމުން ވިދާޅުވެފައި މިވަނީ ތ. ވޭމަންޑޫގައި 13 އަހަރުގެ ކާފަދަރިފުޅާ ބެހުނު ކަމަށް ބުނާ މައްސަލާގައި މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ހައްޔަރުކުރި، 69 އަހަރުގެ ކާފަ ޝަރުތުތަކަކާ އެކު ދޫކޮށްލުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

އޭނާގެ މައްޗަށް ކޮށްފައިވާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދަޢުވާގެ ޝަރީއަތް ކޯޓުގައި ހިނގަމުން ދާއިރު އެމީހާ ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަން މާދަމާ ހުށަހަޅާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

އެމައްސަލާގައި ބަންދުގައި ހުރި ކާފަ ދޫކޮށްލީ ކޯޓުން ކަމަށާއި އެއީ ސަރުކާރުގެ ނިންމުމެއް ނޫންކަމަށް ރައީސް ޑރ. މުޢިއްޒު އާއި ހޯމް މިނިސްޓަރު އަލީ އިހްސާން ވެސް ވަނީ ވިދާޅުވެފައެވެ.

ޕީޖީ ޝަމީމް މަތީ މަރުޙަލާގެ ކޯޓުތަކަށް ތަޢުރީފު ކުރަށްވާފައިވާއިރު ކުޑަކުދިންގެ އޮރިޔާން ފޮޓޯ ޑައުންލޯޑުކުރި މީހަކަށް ދައުވާ ނުކޮށް ޕީޖީ އޮފީހުން ވަނީ އޭނާއާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައެވެ.

ޕީޖީ އޮފީހުން ބުނީ ޤާނޫނުގައި ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުން ވަކި ކުށެއްގެ ގޮތުގައި ނޯންނަ ކަމަށާއި ހަމަ އެކަނި އޮންނަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ކަމަށެވެ. އެއީ އަސާސީ އަދަބަކަށް 1 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޮންނަ ކުށެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން