މ. ރަތްމަންދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްކެވި ވާހަކަ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަޙްމަދު މުއްތަލިބު ދޮގުކުރަށްވައިފިއެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިންނަށް މ. ރަތްމަންދޫއަށް ވަޑައިގެން އާންމުކުރި ވީޑިއޯޢެއްގައި ކުރީގެ ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާލާފައިވާކަމަށެވެ. އެގޮތުން މ. ރަތްމަންދޫގައި ކުރިއަށްދާ މަސައްކަތްތައްވެސް ހުއްޓާލާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަ ތަކަށް ރައްދު ދެއްވަމުން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަޙްމަދު މުއްތަލިބު ވިދާޅުވީ މ. ރަތްމަންދޫ ބަނދަރު ޕްރޮޖެކްޓުގައި ނިމިދިޔަ ސަރުކާރުން ސޮއިކުރީ މިދިޔަ ރިޔާސީ އިންތިހާބާއި ދިމާކޮށްްކަމަށެވެ.



އަދި އެމްޑީޕީގެ ވެރިކަން ނިމުއިރުވެސް އެ މަސައްކަތް ފެށުމަށް ހަދަންޖެހޭ އީ.އައި.އޭ ރިޕޯޓްވެސް ހަދާފައި ނެތްކަމަަށް މުއްތަލިބު ވިދާޅުވިއެވެ. މީގެއިތުރުން މ. ރަތްމަންދޫގައި ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތުގެ 26 އިންސައްތައާ ހަމައަށް ނިންމުމަށްފަހު އެ މަސައްކަތް ހުއްޓާލީވެސް މިދިޔަ ސަރުކާރުގައިކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.

"މަނިކުފާނަކީ ދޮގެއްވެސް ތެދަށްވުރެ މޮޅަށް ވިދާޅުވާ ބޭފުޅެއް." މުއްޠަލިބު ވިދާޅުވިއެވެ.

މީގެ އިތުރުން މުއްޠަލިބު ވިދާޅުވީ ކުންފުނީގެ ދާއިރާއާ ނުގުޅޭ މަސައްކަތްތައް މިދިޔަ ސަރުކާރުގައި ފެނަކައާ ހަވާލުކޮށްފައިވާކަމަށެވެ. އެގޮތުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކަ ކުންފުންޏާއި ފެނާއި ނަރުދަމާގެ މަސައްކަތްތައް ހަވާލުކުރުމުން އެމަސައްކަތްތައް ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަން މުއްތަލިބު ފާހަގަކުރެއްވިއެވެ. އަދި މިއީ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގައި މިދިޔަ ސަރުކާރުން ވެފައިވާ އިހުމާލެއްކަމަށްވެސް ވަޒީރު މުއްތަލިބު ވިދާޅުވިއެވެ.

ރަތްމަންދޫގައި ހުންނަވައިގެން އާންމުކުރި ވީޑިއެއްގައި ޝާހިދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ރަަތްމަންދޫގެ ފެނާއި ނަރުދަމާގެ 90 ޕަސެންޓް ވަނީ ނިންމާފައި ކަމަށެވެ. އަދި އިންޖީނުގޭގެ މަސައްކަތް ވެސް ގާތްގަނޑަކަށް ނިންމާފައިވާ ކަމަށާއި އެހެނިހެން މަސައްކަތްތައް ވަނީ ފެށި، އެކި މަރުޙަލާތަކުގައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އެ ހުރިހާ މަޝްރޫއެއް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށެވެ. އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރައީސް ސޯލިހުގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތަކަށް 1.7 ބިލިއަން ރުފިޔާ ހޭދަ ކުރެއްވި ކަމަށެވެ. މި ސަރުކާރުން މި ތިންމަސް ތެރޭގައި ހޭދަކޮށްފައިވަނީ 300 މިލިއަން ރުފިޔާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ރާއްޖޭގެ ރަށްރަށުން ފަށާފައިވާ ތަރައްޤީގެ މަސައްކަތް މިދަނީ ވީރާނާ ވަމުން، ގެނެސްފައިވާ ތަކެތި ބޭކާރުވަމުން. ރައްޔިތުންގެ އިޙުސާސްތަކަށް މި ސަރުކާރުން ދަނީ ފުރަގަސް ދެމުން،" ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން